ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 16:31
ސްރީ ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށްޓެއް ވޯޓުލާ މަރުކަޒަކަށް ގެންދަނީ
ސްރީ ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށްޓެއް ވޯޓުލާ މަރުކަޒަކަށް ގެންދަނީ
ރޮއިޓަރސް
ސްރީ ލަންކާ
ސްރީ ލަންކާގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ބޮޑު ނާކާމިޔާބީ އެއް!
އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ރާޖަޕަކްސަގެ އެސްއެލްޕީ ޕާޓީ އިން
ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ބޮޑުވަޒީރު ރަނިލްގެ ޔޫއެންޕީ އަށް
ރައީސް ސިރިސޭނާގެ އެސްއެލްއެފްޕީ އަށް 10 އިންސައްތަ ވޯޓުވެސް ލިބިފައެއްނުވޭ

ސްރީ ލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެގައުމުގައި ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވޯޓު ގުނާ ނިމިފައިވާއިރު، ހޮނިހިރު ދުވަހުގެ މެންދުރު އެކެއް ޖެހުމާއި ހަމަޔަަށް ގުނާ ނިމިފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) އިން ވަނީ 44.05 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައެވެ.

ބޮޑުވަޒީރު ރަނިކް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް 31.65 އިންސައްތަ ވޯޓު ލިބިފައިވާއިރު، ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އަށް ލިބިފައި ވަނީ 9.52 އިންސައްތަ ވޯޓެވެ.

މިއީ ބޮޑުވަޒީރު ރަނިލްގެ ޔޫއެންޕީ އާ ރައީސް ސިރިސޭނާގެ ޔޫއެންޕީގެ ގުޅިފައިވާ އިއްތިހާދުން 2015 ވަނަ އަހަރުގެ އޯގަސްޓް މަހު ގުޅިފައިވާ ސަރުކާރެއް އެކުލަވާލި ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބެވެ.

މިއިންތިޚާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕާޓީ ކުރި ހޯދި ނަމަވެސް، ރަނިލްގެ ޔޫއެންޕީ އިން ވަނީ ވެރިކަން ކުރާ ކޮލޮމްބޯގެ މުނިސިޕަލް ކައުންސިލް ކާމިޔާބު ކުރައްވާފައެވެ. މިއާއެކު ކޮލޮމްބޯ މުނިސިޕަލް ކައުންސިލްގެ ގޮނޑިއަށް އިންތިޚާބުވި ރޯސީ ސެނަނަޔަކެ އަށް ވަނީ، ވެރިރަށް ކޮލޮމްބޯގެ ފުރަތަމަ އަންހެން މޭޔަރަށް ވުމުގެ ޝަރަފު ލިބިގެންގޮސްފައެވެ.

ހޮނިހިރު ދުވަހުގެ ނަތީޖާ ވެގެންގޮސްފައިވަނީ ސްރީ ލަންކާގެ ސިޔާސީ މަޝްރަޚް ދިރާސާ ކުރާ ފަރާތްތަކަށް ސިހުން ގެނުވި ނަތީޖާއަކަށެވެ. އޭގެ ނަތީޖާ އަކީ ވެރިކަން ކުރާ ކޯލީޝަނަށް ނިސްބަތްވާ ޕާޓީތަކުގެ ތެރޭގައި ފާއިތުވި މަސްތަކުގައި އުފެދުނު ޚިޔާލުތަފާތުވުންތައް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސަރުކާރު ހިންގާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންޚަގެ ޔޫއެންޕީ އިން ގެންގުޅޭ އިޤްތިޞާދީ ސިޔާސަތުތަކަށް ރައީސް ސިރިސޭނާގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޔޫއެންޕީ އަށް ނިސްބަތްވާ ބައެއް ވަޒީރުންގެ ފާޑުކިޔުންތައް ސިރިސޭނާ އަށް އަމާޒުކޮށްފައިވެއެވެ.

ވެރިކަން ކުރާ ކޯލީޝަނުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް މި އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެސް ފާހަގަވެގެން ދިޔައެވެ. އެގޮތުން ކޯލިޝަނުގެ ބައިވެރިން ވަނީ އެއް ދާއިރާތަކަކަށް ދެ ޕާޓީގެ ކެންޑިޑޭޓުން ނެރެފައިވެއެވެ.

- ކޮމެންޓް