ފަންސާސް ހަ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް މިއަދު ހެނދުނު 7:00 އިން ފެށިގެން ބްރޯޑްކާސްޓްކުރަން ފަށައިފި އެވެ.
އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން މެދުކަނޑާލީ ފެބްރުއަރީ 8، 2018 ވީ ބުރާސްފަތި ދުވަހުގެ ރޭ 10:45 އިން ފެށިގެންނެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ، ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތެއް ކަމަށް ވީހިނދު، ރާއްޖެ ޓީވީއަށް ކުރިމަތިވަމުން އައި ބިރުވެރިކަމަށް ހައްލެއް ހޯދުމަށާއި ސްޓޭޝަންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެދި ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފްގައި އެދިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ޖަވާބެއް އަދި ނުލިބޭ ކަމަށް ވެސް ސްޓޭޝަނުން ބުނެ އެވެ.
"މާތް ﷲ އަށް ވަކީލުކޮށް، ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް އަލުން ފަށަން ނިންމީ، އެތައް ބަޔަކު އަލުން ހިދުމަތް ފެށުމަށް އެދެމުން ދިއުމާއި، ރާއްޖެ ޓީވީއާމެދު ފާޅުކުރި އިޚްލާސްތެރި، ލޮބުވެތި ޝުއޫރުތަކުން ހިތްވަރު ލިބިގަންނަމުންނެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.
ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް ދެއްކުން މެދުކަނޑާލުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.