ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމަރު ތަންފީޒު ކުރުމަށް ގޮވާލާ ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން 5 މީހުން ހައްޔަރު ކޮށްފިއެވެ.
ހޮނިހިރު ދުވަހު ހަވީރު މަގީދީ މަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައި ވަނީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމާ އިތުރުން ހަތަރު މީހުންނެވެ. މުޒާހަރާގައި ބައިވެރިވި ޒުވާނުން މަޖީމަގާ ޗާންދަނީ މަގާ ގުޅޭ ކަންމައްޗަށް ޖަމާވެ ގާނޫނު އަސާސީގެ ދިފާއުގައި ވަނީ އަޑު އުފުލާފައެވެ.
އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެ ޒުވާނުން ބޭނުން ކުރި " ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރޭ" ޖަހާފައިވާ ބެނާ ގަދަ ކަމުން އަތުލައިގަނެގެން ގެންގޮސްފައެވެ. އަދި މަޖީދީ މަގުގައި ތިބި މީހުން ކޮއްޕާ ޗާންދަނީ މަގަށް ވަނީ ފަހަތަށް ޖައްސާފައެވެ. އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދިޔައީ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޙައްގަކަށްވާއިރު، އެފުރުޝަތު ލިބެންޖެހޭނެ ކަމަށެވެ.
ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. އދި އެމްޑީޕީ ހަރުގެ ސަރަހައްދަށް މީހުން ޖަމާވުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމްގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ޕީޕީއެމްގެ ޖަގަހަތަކުގައި ޖަލްސާތައް ބާއްވާ އިރު ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ ޓީވީ އިން އެ ޖަލްސާތަކާއި ޕްރެސް ކޮންފަރެންސްތައް ދަނީ ދައްކަމުންނެވެ.