ކުއްލި ޙާލަތުގެ އަމުރުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކުރެވުނު މީހުންނާ މިއަދު ސުވާލުކުރެވޭއިރު، އެމީހުންނާ އެކު ތިބެވެނީ އެންމެ ޤާނޫނީ ވަކީލަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ހޮނިހިރު ދުވަހުގެ މެންދުރު ފަހު ވިދާޅުވީ އޭނާ ހުންނެވީ ހަސަން ސަޢީދާ ފުލުހުން ސުވާލުކުރާތީ ދޫނީދޫގައި ކަމަށެވެ. އަދި ކުއްލިއަކަށް މިއަދު އާ ޤަވާޢިދެއް ހަދައި، ހުރެވޭނީ އެންމެ ވަކީލަކަށް ކަމަށް އަންގާފައިވާ ކަމަށެވެ. ޝަމީމް ވަނީ އެއީ ޣައިރުޤާނޫނީ ކަމެއް ކަމަށް ސިފަކުރައްވާފައެވެ.
At dhoonidhoo with @PoliceMv for the investigation session of Mr Hassan Saeed, chief judicial administrator at @judiciarymv. Suddenly, new rule today. Only one lawyer allowed. #SoE #CriminalLaw #unwrittenrule #unconstitutional
— Hussain Shameem (@HuShameem) February 10, 2018
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދަކީ ޖުޑީޝަރީގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރު ނެރުމަށް ފަހުއެވެ. އޭގެ ފަހުގައި ފުލުހުން ވަނީ އެގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެގެއިން ފުލުހުން އެފައިސާ ހޯދި ކަމަށް ބުނީ އެގެއަށް އޭގެ ކުރިން ފުލުހުން ވަދެ ބަލާ ފާސްކޮށްފައި ވަނިކޮށް ކަމަށާއި، އެހެން ކަމުން އެއީ ފުލުހުން އޭނާ ފްރޭމްކުރުމަށް އެގޭގައި އެމީހުން އަމިއްލައަށް ބެހެއްޓި އެއްޗެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ފައިސާ ފެނުނު ކަމަށް ފުލުހުން ބުނަނީ އޭނާ ނިދާ އެނދުނގެ ގޮދަޑި ދަށުންނެވެ.
ހަސަން ސަޢީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ޙާލަތުގައި ލިބިދޭ ބާރުގެ ދަށުން ފުލުހުން ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރުކުރުމަށް ކުރިން ނެރުނު އަމުރު ސުޕްރީމް ކޯޓުން އޭގެ ކުރިން ބާޠިލްކޮށްފައި ވަނިކޮށެވެ.