ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ސައުދީ އަަރަބިއްޔާ އިން ގޮވާލައިފިއެވެ
ސައުދީ އިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވަނީ، ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށާއި ރާއްޖޭގައި މިވަގުތު ތިބި، ހުރިހާ ފަރާތްތަކުން ވެސް ސައުދީ އެމްބަސީއަށް ގުޅުމަށް ވަނީ އެދިފައެވެ.
ސައުދީން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ އިރު ރާއްޖޭގެ ހާލަތު ސާފުކޮށްދެއްވުމަށް ހާއްސަ މަންދޫބެއްގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފައެވެ. މިނިސްޓަރު ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ.
ސައުދީން މިހެން ހާމަކޮށްފައިވާ އިރު ގިނަ ގައުމުތަކަކުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އަންގާފައެވެ. އެގޮތުން ޗައިނާ އާއި ފްރާންސް، ކެނެޑާ، އެމެރިކާ އަދި ޖާމަނީ ފަދަ ގައުމުތަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލައިއެވެ.
ކުއްްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެދުވަހުން ފެށިގެން 15 ދުވަހަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެެވެ.