ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވާ މައްސަލައެއް، ހަމަ އެފަނޑިޔާރުންނަށް އަލުން ނުބެއްލެވޭނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު، އަދި އެޕާޓީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ ވިދާޅުވީ "އެއްވެސް ފަނޑިޔާރަކު، އެފަނޑިޔާރަކު ބެންޗްގައި އިނދެ ނިންމާފައިވާ މައްސަލައެއް، އިސްތިއުނާފުގެ މަރުޙަލާއެއްގައި ވިޔަސް، ރިވިއު މަރުޙަލާއެއްގައި ވިޔަސް، އެމައްސަލައަކާއި އެއްބަސްވިޔަސް، އޯވަރ ރޫލް ކުރެއްވިޔަސް، އަލުން ނުބެލޭނެ" ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވުން އެއީ އަދުލު އިންސާފުގެ އަސްލު، ނުވަތަ ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސް އާއި ޚިލާފުކަމެއް ކަމަށެވެ.
Evves Fandiyaaraku, eFandiyaaraku bench ga indhe nimmaafavaa massalaeh, isthiunaf ge marhalaa ehga vias, review marhala ehga vias, e massala akai ebbas vias, overrule kuranvias, alun nubeleyne. Ekan egothah kurumee Adhlu Insaafge Aslu (natural justice principles) aa hilaaf kameh.
— Mariya Didi (@MariyaDidi) February 10, 2018
މާރިޔާ މިހެން ވިދާޅުވެފައި މިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުލް ބެންޗުގައި ތިއްބަވާ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރެފައިވާ އަމުރެއްގެ ބައިތަކެއް، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުން ބާޠިލްކުރައްވާފައިވަނިކޮށެވެ. ފުރަތަމަ އަމުރު ނެރުއްވި ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ތިއްބެވީ، އެބޭފުޅުންގެ އަމުރުގެ ބައިތައް ބާޠިލްކުރެއްވި ދުވަހުގެ ކުރީ ރެއިން ފެށިގެން ފުލުހުންގެ ބަންދުގައެވެ. އަދި އޭގެ ފަހުގައި ސުޕްރީމް ކޯޓުގެ ނިންމެވުންތައް ނިންމަވަނީ ބާކީ ތިއްބެވި 3 ފަނޑިޔާރުން ތިއްބަވައިގެންނެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓަކީ ހަމައެކަނި ޢިމާރާތެއް ނޫންކަމަށާއި، ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ޤާނޫނު އަސާސީގެ 145ގެ (ހ) ގައި ސާފުކޮށް އެނގެން އޮންނަކަމަށެވެ. އަދި 3 ބާރު ވަކިވެފައިވާ ނިޒާމެއްގައި ދައުލަތުގެ 2 ބާރު ކަމަށްވާ ސުޕްރީމް ކޯޓާއި، މަޖިލީހަށް ސިފައިން ވަދެ، އެ ދެ ބާރު ވާކޮށްލުން އެއީ ދައުލަތާއި އިދިކޮޅު ޢަމަލެއްކަމަށް މާރިޔާ ވިދާޅުވިއެވެ. ހަމައެއާއިއެކު، އެކަމުގައި ޝާމިލްވާ އެންމެންނަށް ހައްޤު އަދަބު ލިބޭނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ވަގުތު މާރިޔާ އަހުމަދު ދީދީ އިންނެވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައެވެ.