ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތައް ބުނެފިއެވެ.
އިންޑިއާގެ 'ދަ ވަޔަރ' ނޫހުގައިވާ ގޮތުން މިމަހުގެ 17 އިން 18 އަށް ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ 'ދަ ހިންދޫ' ނޫހުން އިންތިޒާމްކުރާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެހެން ނަމަވެސް މިދަތުރުފުޅުގެ ތަފްޞީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ފެސްޓިވަލް އޮންނާނީ އިންޑިއާގެ ބެންގަލޫރުގައެވެ.
ރައީސް ނަޝީދު އިންޑިއާއަށް މި ވަޑައިގަންނަވަނީ ރާއްޖޭގެ މިހާރުގެ ހިނގަމުންދާ ކަންކަމަށް ހައްލެއް ހޯދައިދިނުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެޤައުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިމައްސަލައަށް ހައްލެއް ހޯދުމަށް އދ. ގެ ތެރެއިން ކުރެވޭނީ ކޮން ކަމެއްތޯ ބަލަމުންދާ ކަމަށް އިންޑިއާ އިން ދަނީ ބުނަމުންނެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ އަވަށްޓެރި ސްރީލަންކާގައެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ދިރިއުޅުއްވަން ބަދަލުކުރެއްވި ނަމަވެސް، ސްރީލަންކާއަށް އާއްމުކޮށް ވަޑައިގަން ސިޔާސީ މަސައްކަތްތައް ކުރައްވައެވެ. އަދި ބޭރަށް ވަޑައިގެންނެވި ފަހުން އިންޑިއާއަށް މީގެ ކުރިން ވެސް ވަޑައިގެންފައިވެއެވެ.