ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށް އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވެފައިވަނީ 'މަގެ ދީނާއި، މަގެ ގައުމާ' މި ނަމުގައި ވެރިކަންކުރާ ޕީޕީއެމްއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޕްރޮމޯޓް ކުރުމަށް ހުކުރު ދުވަހުގެ ހަވީރު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
"އަދި ވަކިން ހާއްސަކޮށް އެންމެ އިސް ވާޖިބެއް ގައުމުގައި އަދާކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކޭ ދީނީ އިލްމުވެރިންނާއި ދީނީ ބޭފުޅުން މި ޖަލްސާގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއީ އެބޭފުޅުން މަސްއޫލިއްޔަތު ވަރަށް ބޮޑުވާނެ، ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތު. އެހެންވީމަ މިފަދަ އެއްވުންތަކުގައި، މިފަދަ ގައުމީ މިފަދަ ދީނީ އެއްވުންތަކުގައި ބައިވެރިނުވާކަމުގައި ވަންޔާ އެބޭފުޅުންނާ ދޭތެރޭ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ. އެހެންމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ދީނީ އިލްމުވެރިންނަށް މިކަމުގައި ފުރިހަމަޔަށް ތާއިދުކޮށް މިރޭގެ ޖަލްސާގައި ބައިވެރިވުމަށް."
މައުރޫފް މިގޮތަށް ވިދާޅުވެފައިވާއިރު އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި ޖަލްސާއަށް ދިޔުމަށް އެދި ބައެއް ފަރާތްތަކަށް ޕީޕީއެމް ކެމްޕެއިން އޮފީހުން ގުޅާފައިވަނީ 'އިސްލާމިކް ކެމްޕެއިން އޮފީސް' ގެ ނަމުގައެވެ.
ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވެސް ވަނީ ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުން ދިއުމުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވެގެން ގޮސްފައިވާއިރު، މި ހާލަތާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި ފުންނާބު އުސް ގާނޫނީ ވަކީލުން ބަސްފުޅެއް ވިދާޅުނުވާތީ ކަންބޮޑުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.