ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަަމަށް ޕާކިސްތާނު ސަރުކާރުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވަނީ ޕާކިސްތާނަށް ވަޑައިގެން ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚައްގާން އައްބާސީ ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމަކީ އިހްތިރާމް އޮތް، އެއް ކަންތައްތަކެއް ގަބޫލު ކުރާ ދެ ގައުމު ކަމަށާއި ރާއްޖޭގެ އެއްވެސް ދާޚިލީ ކަމެއްގެ ތެރެއަށް އެގައުމުން ނުވަންނާނެ ކަަމަށެވެ. އަދި އދ. އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރައްވާނެ ކަަމަށް ޕާކިސްތާނުން ބުނެއެވެ.
ޕާކިސްތާނުން ރާއްޖޭގެ ސަރުކާރުން ދޭ އެހީތެރި ކަމަށް ޚަރިޖީ ވަޒީރު އާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޑރ. އާސިމް ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާފައިވާ އިރު މިމަހުގެ ހޯމަ ދުވަހު ސަރުކާރުން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިތިން ބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ދިވެހި ސަރުކާރުން ވަނީ ޗައިނާ އާއި ޕާކިސްތާނާއި ސައުދީ އަރަބިއްޔާއަށް ވެސް ރާއްޖޭގެ ހާއްސަ ވަފުދުތައް ފޮނުވާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓުމަކީ ޑިމޮކްރަސީއަށް ދިން ވަރުގަދަ ހަމަލާއެއްގެ ގޮތުގައި އދ. ގެ ހިއުމަން ރައިޓްސް ޗީފް ވަނީ ސިފަކުރައްވާފައެވެ.