އަސްކަރިއްޔާގެ މަދަދު ލިބިވަޑައިގެން ހުންނެވި މަންދޫބަކު ރާއްޖެއަށް ފޮނުވައިދިނުމަށް އިންޑިއާގެ ކިބައިން އެދިވަޑައިގަތުމުގެ މާނައަކީ އިންޑިއާގެ ސިފައިން ރާއްޖެއަށް އެރުން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަވަށްޓެރި ސްރީލަންކާގައި ހުންނަވައިގެން އިންޑިއާގެ 'ދަ ވަޔަރ' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާ ދެއްކެވި ވާހަކަފުޅުގެ މާނައަކީ އިންޑިއާ ސިފައިން ހަތިޔާރާ އެކު ރާއްޖެއަށް އަރާ ވާހަކަ ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވީ ދިވެހި ސަރުކާރާ މަޝްވާކުރަން ޖެހޭ ގޮތާއި، އެކަމަށް ބޭނުންކުރަން ޖެހޭ އުކުޅުތައް އިންޑިއާ ސަރުކާރަށް އެނގޭނެ ކަމަށެވެ. އަދި "ރައީސް ޔާމީން ގާތުގައި މިވެނި ކަމެއް މިހެން ކުރާށޭ ބުންޏަސް އެކަމެއް އެމަނިކުފާނު ނުކުރައްވާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ޗައިނާގެ ރައްޔިތުންނާއި ޗައިނާގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމުގެ ޤާބިލްކަން ރާއްޖޭގައި ހުންނާނެ ކަމަށް ޗައިނާ އިން ބުނެފައި ވާތީ، އެކަން އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ހުކުރު ދުވަހުގެ ރޭ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޗައިނާގެ ހަރަކާތްތަކަށް އިންޑިއާ އިން ފާރަވެރިވަމުންދާތީ، މިއީ ރާއްޖެއާ ގާތް ނުވުމަށް ދިއްލީ އިން ބެއިޖިންގ އަށް ދިން އިންޒާރެއް ކަމަށް ބައެއް މުހައްލިލުން ދެކެއެވެ.
'ދަ ވަޔަރ' ނޫހުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސް ޔާމީނާ މެދު ހިތްހަމަނުޖެހި އޮތް އިރު، 2011 ވަނަ އަހަރު ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވި މައްސަލައިގައި އިންޑިއާ އޮތީ އޭރުގެ ސަރުކާރާ މެދު ވެސް ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އެހެން ނަމަވެސް 2006 ވަނަ އަހަރު ދިވެހި އެމްބަސީއެއް ޗައިނާގައި ހުޅުވާފައިވާތީ، ޗައިނާ އިން އެމްބަސީއެއް ހުޅުވަން އެދުމުން ޑިޕްލޮމެޓިކް ޕްރޮޓޮކޯލްގެ ތެރެއިން އެކަމަށް ރާއްޖެ އިން އިޖާބަ ދޭން ޖެހޭކަން އެމްޑީޕީ އިން ފާހަގަކުރި ކަމަށް އެ ނޫހުން ފާހަގަކުރެއެވެ.
ރާއްޖޭގެ މައްސަލައިގައި ޗައިނާ އާއި އިންޑިއާގެ ބަސްމަގު ތަފާތު ނަމަވެސް، ރާއްޖޭގެ މައްސަލައިގައި އެ ދެޤައުމު ކުރިމަތިލުމަކަށް ނުދާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗައިނާއާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވަން ރައީސް ނަޝީދު ފައްޓަވާފައިވާއިރު، އެމަނިކުފާނު ވަނީ ރާއްޖޭގެ ބިންތަކަށް ވެރިވެ ގަތުމަށް ޗައިނާ އިން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިނުގަނެވިއްޖެ ނަމަ، އިންވެސްޓްމަންޓްތަކުގެ ނަމުގައި ޤައުމުތަކުގެ ބިންތަކަށް ވެރިވެގަތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޢާހަދާއެއް އެކުލަވާލުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ފިޔަވަޅުތަކެއް އެޅުމުން މައްސަލަ އިތުރަށް ދިގުދެމިގެންދާނީ ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ އަޅަންވީ ސަރުކާރުގެ އިސް ބޭފުޅުންނަށް އަމާޒުކޮށްގެން ސީދާ އެބޭފުޅުން ކަމަށެވެ.
މީގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވާނެކަމުގެ އިޝާރާތް އެމަނިކުފާނު ކުރެއްވިއެވެ.
ރައީސް ނަޝިދާއި އިންޓަވިއު ކުރި ނޫސްވެރިޔާ ވަނީ މިވަގުތު ލަންކާގައި ހުުންނެވި ރައީސް ނަޝީދަށް އެޤައުމުން ސެކިއުރިޓީ ދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވަރުގަދަ ސެކިއުރިޓީއެއް ދީފައި ވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންދީފާނެ ކަމުގެ އިންޒާރުތަކާ އެކުގައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމަށް މީގެ ކުރިން ވެސް ލަންކާ ސަރުކާރުން އޮންނަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް އެމަނިކުފާނު އެސެކިއުރިޓީ ކުރިން ބޭނުންފުޅެއް ނުކުރައްވައެވެ.