ރާއްޖޭގައި އަލުން ޑިމޮކްރަސީ އަށަގެންނެވުމަށް ރައީސް އަބްދުﷲ ޔާމީނަށް ބާރު އެޅުމަށާއި، މިވަގުތުގެ ޙާލަތު ވަޒަންކުރުމަށް އދގެ ޚާއްސަ ވަފުދެއް ފޮނުވުމަށް އދ. އަށް ބާރު އެޅުމަށް އެކުވެރި ޤައުމުތަކާ އެކު އިންޑިއާ އިން މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މިއީ ކުއްލި ޙާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު ހައްޔަރުކުުރުމާ ވިދިގެން ރާއްޖޭގައި ހިނގަމުންދާ ކަންކަން ހަމަޔަކަށް އެޅުވުމަށް އިންޑިއާ އިން ފަރުދާގެ ފުރަގަހުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.
ރާއްޖޭގެ މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހުގެ ހެނދުނު ފޯނުން މަޝްވަރާކުރައްވާފައިވާއިރު، ގިނަ ޤައުމުތަކުން ބަލަމުންދަނީ ރާއްޖޭގެ މައްސަލައިގައި އިންޑިއާ އިން އަމަލުކުރާ ގޮތަކަށެވެ.
ރާއްޖޭގެ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާ އިން މަސައްކަތް ފަށާފައިވާއިރު، ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އިންޑިއާއަށް ފޮނުވަން ދިވެހި ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އިންޑިއާ ސަރުކާރުން ވަނީ އާސިމާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައެވެ. އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އަބޫދާބީ މަގުން ދިއްލީއަށް ވަޑައިގަތުމަށް އާސިމް ފުރާވަޑައިގަތް ނަމަވެސް، އިންޑިއާ އިން އާސިމާ ބައްދަލުކުރަން ދެކޮޅު ހެދުމުން އެމަނިކުފާ ދެން ވަޑައިގެންފައި ވަނީ ޕާކިސްތާނަށެވެ. ރާއްޖޭގައި ހުންނަވާ ސަފީރު މުހައްމަދު އަހްމަދު ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ އިންޑިއާގެ އިސް ފަރާތްތައް މި ދުވަސްކޮޅު ވަރަށް ބުރަކޮށް އުޅުއްވާތީ ރާއްޖޭގެ މަންދޫބަކާ މި ދުވަސްކޮޅު ބައްދަލުކުރުމަށް ވަގުތު ދެވެން ނެތް ކަމަށް އިންޑިއާ އިން ބުނެފައިވާ ކަމަށެވެ.
ޕާކިސްތާނުން ވެސް ވަނީ ސަރުކާރުން އެހީއަށް އެދުނު ނަމަވެސް، އެހެން ޤައުމެއްގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށް ބުނެ، އެހީތެރިވުމަށް ދެކޮޅު ހަދާފައެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށްދިނުމަށް ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން އެދިފައި ވަނީ ހަޤީގަތުގައި ޗައިނާ ސިފައިން ފޮނުވައިދިނުމަށް އެދުމުގެ ގޮތުން ނަމަވެސް،، ޗައިނާ އިން ވެސް އެހީތެރިވެފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
ރާއްޖޭގެ މަންދޫބަކާ ބައްދަލުކުރުމަށް އިންޑިއާ އިން ދެކޮޅު ހަދާފައި މި ވަނީ ރާއްޖެއަށް ވަޑައިގެންނެވި ވިލާތުގެ އިއްތިޙާދާއި، އިނގިރޭސިވިލާތް އަދި ޖަރުމަންވިލާތުގެ ސަފީރުންނާ ބައްދަލުކުރުމަށް ރައީސް އަބްދުﷲ ޔާމީނާއި، ވަޒީރުންނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދެކޮޅު ހައްދަވާފައި ވަނިކޮށެވެ.