ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 07:46
އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައި
އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައި
ބީއެމްއެލް
ބީއެމްއެލް ސީއެސްއާރް
އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި
ކޮންމެ ބްރާންޗަކަށް ވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބަޖެޓެއް ކަނޑައަޅާފައި

އަތޮޅުތަކުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ސީއެސްއާރު ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ރަށުގެ އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބޭންކުގެ ކޮންމެ ބްރާންޗަކަށް ވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބަޖެޓެއް ކަނޑައަޅާފައެވެ. މި ގޮތުން ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ދާއިރާތަކަކީ ހިލޭސާބަހަށް ކުރެވޭ މަސައްކަތްތަކާއި، ތައުލީމާއި ކުޅިވަރު އަދި ތިމާވެށީގެ ދާއިރާއެވެ. އަމިއްލަ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުން، ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލް އެއަތޮޅެއްގައި ގާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗަކަށް ނުވަތަ com.mv.community@bml އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ވަނީ ހުޅުވާލާފައެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ބޭންކުގެ ހިދުމަތްތައް ލިބޭ މުޖުތަމައުތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

- ކޮމެންޓް