ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރުފުޅު ހައްދަވައިފިއެވެ.
އެމަނިކުފާނު ރައީސް މައުމޫނާއި ގުޅޭގޮތުން އިތުރުފުޅު ހައްދަވާފައިވަނީ 'މަގެ ދީނާއި މަގެ ގައުމާ" ނަމުގައި ވެރިކަންކުރަމުން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އަލިމަސް ކާނިވަލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ހަނދު ކޭތައަށް ނިސްބަތްކޮށް ވިދާޅުވި ބައެއް ވާހަކަތަކަކީ ރައީސް މައުމޫންއަށް އިޝާރާތްކުރައްވާ ދެއްކި ވާހަކަފުޅުތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
"ޖެނުއަރީ 31 ވަނަ ދުވަސް ނުވަތަ ޖެނުއަރީ މަސް ދިޔައިރު ހަނދު ކޭތައެއް އައި. މިކަމަށް ޝައުގުވެރިކަން ހުންނަ އަޅުގަނޑުމެންގެ އިއްޒަތްތެރިޔަކު ޓްވީޓުން ވިދާޅުވީ ކީކޭތޯ. މިއީ ހަނދު ކޭތައެކޭ. މާދަން ރޭ އޮތީ މިއަށްވުރެން ބޮޑު ކޭތައެކޭ. އެ މާދަން ރެޔަކީ 1 ފެބްރުއަރީ. އަޅުގަނޑުމެންގެ ދިވެހި ދައުލަތް ކުޑަ ކަކޫ މައްޗަށް ގެނުވި ރޭ."
ރައީސް މައުމޫންއަކީ ނުޖޫމީ އިލްމަށް ނުހަނު ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅަކަށްވުމާއެކު އެމަނިކުފާނުވަނީ ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ ހަނދު ކޭތައެއް ހިފާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވެއެވެ. އެހެން ނަމަވެސް އެރޭގެ ވަގުތެއްގައި ހަނދު ކޭތަ ރާއްޖެއަށް ނުފެނުމާއި ގުޅިގެން އެކަމާއި ދެރަފުޅުވެވަޑައިގެން ޓްވީޓެއް ކުރެއްވިއެވެ. އެއްވެސް ހާލެއްގައި އެ ޓްވީޓެއްގައި އަދި އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ވެސް ރައީސް ޔާމީން ވިދާޅުވި ގޮތަށް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އެއަށްވުރެ ބޮޑު ކޭތައެއް ހިފާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.
Tonight’s phenomenon of super blue blood moon will begin at 17:55 well before moonrise at Male at 18:14. The phase of total eclipse will end at 19:11. The entire moon will come out of the earth’s shadow at 20:14. Happy viewing!
— Maumoon Abdul Gayoom (@maumoonagayoom) January 31, 2018
ރައީސް ޔާމީންގެ މި ވާހަކަފުޅުތައް ރައީސް މައުމޫންއަށް ރައްދުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އެހެން އެއްވެސް ސިޔާސީ ލީޑަރަކު ހަނދު ކޭތަ ހިފާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި ނުވާތީއެވެ.
Heavily overcast conditions prevented any good viewing of the super blue blood moon in Male tonight. I was able to see only the last 20 minutes of the partial phase. Extremely disappointing!
— Maumoon Abdul Gayoom (@maumoonagayoom) January 31, 2018
ރައީސް ޔާމީން ވިދާޅުވި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހިފި ކޭތައަކީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި، ނުހައްގުން ޝަރީއަތްކުރެވިފައިވާ ސިޔާސީ ނުވަ ލީޑަރަކު ދޫކޮށްލުމަށް އެ ކޯޓުން ނެރުނު ހުކުމް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި ހުކުމާއެކު ސަރުކާރު ކުޑަ ކަކޫ މައްޗަށް ތެދުވާން ޖެހުނު ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު މި ހުކުމް ތަންފީޒުކުރެއްވުމުގެ ބަދަލުގައި ރައީސް ޔާމީން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެވަޑައިގެން އެ ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކުރައްވާފައެވެ.
ރައީސް މައުމޫންއަށް އިޝާރާތްކުރައްވާ ރައީސް ޔާމީން އިތުރުފުޅު ހައްދަވާފައިވާއިރު ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައި ރައީސް މައުމޫން ވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކުރައްވާފައެވެ.