ސިޔާސީ ނުވަ ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން، ޖަލަށް ލާފައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މިނިވަންކޮށް ލޯންޗަށް ވެސް އެރުވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެ އުޅުމުގެ ހައްގު ހިފަހައްޓާފައި ވަނިކޮށް، ކާނިވާ ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި، "ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މީހާ" ވެސް ދޫކޮށްލަން އޮތް ކަމަށާއި މިފަދަ މީހުން ދޫކޮށްލުމުން ލިބިދާނެ ގެއްލުން އެކަން ކުރި މީހުންނަށް ވިސްނާނުލެއްވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އަދީބުގެ އިތުރުން، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އަހްމަދު ފާރިސް މައުމޫނު ވެސް މިނިވަންކޮށް މާލެ ގެނައުމަށް ލޯންޗަށް އެރުވިއެވެ. ސުޕްރީމް ކޯޓުގެ އަމުރަކީ އެންމެ ފަހު ބަސް ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ފުލުހުން މަސައްކަތް ފެށުމުން، އެކަން ހުއްޓުވައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ދުރުކުރިއެވެ.
އެމްއެމްޕީއާރުސީން ގެއްލިފައިވާ ފައިސާގެ ތެރެއިން އަދިވެސް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ނުފެންނަ ކަމަށާއި އެ ފައިސާ ލިބޭނީ އެފައިސާ ނެގި މީހަކު ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ މާއްދިއްޔަތަށް ގޮސް ހުސްވެފައި އޮތް ތަނެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ އިތުރުން ސުޕްރީމް ކޯޓު މެދުވެރިކޮށް މަގާމުން ދުރުކުރަން ވެސް މަސައްކަތްކުރި ކަމަށާއި ރައީސް ޔާމީން މަގާމުން ދުރުކުރަން ފުރަތަމަ މަސައްކަތް ފެށީ މަޖިލީހުގެ ތެރެއިން ކަމަށެވެ.
"ޕާޓީން ވަކިވި މީހުންނަށް މިކަން ފަހުން ނުވީމަ ކަންބޮޑުވޭ. މިއީ އުދުވާނީ ހަމަލާތަކެއް،" ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި އިތުރު ގޮންޖެހުންތައް ފާހަގަ ކުރެއްވުމަށް ފަހު އެ މަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ތެރެއިން އަޒުލުކުރިޔަސް އެކަން ތަންފީޒުވެގެން ދާނީ ސުޕްރީމް ކޯޓުން ކަމަށާއި، ސުޕްރީމް ކޯޓުގެ ތެރެއިން އަމުރެއް ނެރެން އުޅުނީ އެހެންވެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"[އެހެންވެ] އާ ކާވެއްޏަކަށް ބްރައިޑް ތައްޔާރުކުރާ ގޮތަށް ސުޕްރީމް ކޯޓް ތައްޔާރުކުރަމުން އައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓު މެދުވެރިކޮށް "އެންމެ ފަހު މޮހަރު ޖަހަން" އުޅުނީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި "ގޮތްދޫނުކުރާ މީހަކު ވެރިކަމުގައި ހުރުމުން" ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުނުކޮށްގެން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހައްޔަރުކުރުމުގެ އަމުރެއް ނެރެން އުޅުނު ކަމަށާއި އެކަން ކާމިޔާބު ނުވީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން އެކަމަށް ދެކޮޅު ހެއްދެވުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މި ރޭވުމަކީ ނުބައި ބަޣާވާތެއް ކަމަށާއި މި ބަޣާވާތުގައި ބައިވެރިވީ ވަރަށް އިއްޒަތްތެރި ޝަރަފުވެރި ބައެއް ކަމަށާއި "މިއީ އިއްޒަތްތެރި ބަޣާވަތްފުޅެއް" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ވެރިކަން ބަދަލުކުރުމުގެ ތުހްމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ވަނީ ހައްޔަރުކޮށްފައެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ، އަސްކަރިއްޔާ އިން ސުޕްރީމް ކޯޓް ހިސޯރުކުރުމަށް ފަހުއެވެ.