ރާއްޖެ ޓީވީ އަށް ލިބެމުން ދިޔަ އިންޒާރުތަކާ ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި މިހާރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލުމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާ އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހެތާ ނައުއާޓް ރާއްޖެޓީވީ އަށް ދިމާވެފައިވާ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ގިނަ މީހުން ބަލާ ޓީވީ ސްޓޭޝަންގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ހުއްޓާލަން ޖެހުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ސްޓޭޝަނަށް އިންޒާރުދީ، ޖެއްސުންކޮށް އަދި ބިރުދައްކަމުންދާތީ ކަމަށެވެ.
ހެތާ ނައުއާޓް އިތުރަށް ވިދާޅުވީ ގާނޫނުގެ ވެރިކަމަށް ބޯލެނބުން ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި ޑިމޮކްރެޓިކް މުވައްސަސާތަކަށް ޖާގަ އޮންނަން ޖެހޭނެ ކަމަށެވެ.
Deeply concerned that @Raajje_tv, the most-watched station in #Maldives, has suspended regular broadcasts due to harassment, threats and intimidation since state of emergency. We call for respect for rule of law, freedom of expression, and democratic institutions in the Maldives.
— Heather Nauert (@statedeptspox) February 9, 2018
ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލިކަން ހާމަކޮށް އެ ސްޓޭޝަނުން ބުރާސްފަތި ދުވަހުގެރޭ އާއްމު ކުރި ބަޔާނުގައި ވަނީ، އެ ސްޓޭޝަނުން އާއްމުކޮށް ގެނެސްދޭ ކޮންޓެންޓް މެދުކަނޑާލަން މަޖުބޫރުވީ، މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި، ރާއްޖެޓީވީ އާ އެ ސްޓޭޝަންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެއްބާރުލުން ދެމުން ނުދާތީ ކަމަށެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތަފްސީލް ހިމަނައިގެން ކުރިއަށް ގެންދިޔަ 24 ގަޑިއިރުގެ ކަވަރޭޖާ ގުޅިގެން އެ ސްޓޭޝަނަށް ތަފާތު އިންޒާރުތައް ލިބެމުންދިޔަ ކަމަށް ރާއްޖެޓީވީ އިން ބުނެއެވެ.
އެގޮތުން ސަރުކާރަށް ތާއީދު ކުރާ ބަޔަކު ރާއްޖެޓީވީ ހުންނަ އިމާރާތުގެ ކައިރިއަށް ގޮސް ސްޓޭޝަން ރޯކޮށްލުމަށް ގޮވުމާއި، ސޯޝަލް މީޑިއާގައި ތަފާތު އިންޒާރުތައް ދީފައިވާ ކަމަށާއި، އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ދައުލަތުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެޓީވީއަށާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ދެމުންދިޔަ އިންޒާރުތައް އިތުރުވެގެން ދިޔަ ކަމަށް އެސްޓޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.
މީގެ ކުރިން ވެސް ރާއްޖެޓީވީ އަށް ތަފާތު އެކި އިންޒާރުދީ، ސްޓޭޝަން ހުއްޓުވުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ރާއްޖެޓީވީގެ ތަކެއްޗަށް ގެއްލުން ދިނުމާއި، މުވައްޒަފުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާތައް ދިނުމާއި، ސްޓޭޝަންގައި ހުޅުޖަހާ ރޯކޮށްލުމުގެ އިތުރުން ނޫސްވެރިން ހައްޔަރުކޮށް ނުހައްގު ދައުވާ އުފުލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.