ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިވެހި ރާއްޖޭގެ ފަސްގަނޑުން ދެން ޖާގަ ނުދޭން, ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލައްވާފައެވެ.
ހުކުރު ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި "މަގޭ ދީނާ މަގޭ ގައުމާ ނުކުޅެއްޗޭ" ނަމުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު ނިހާން ވިދާޅުވީ ދިވެހި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ފޮރުވެފައިވާ ބޮޑު މަންޒަރު ފެނިގެން ދިޔައީ ފެބްރުއަރީ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން ކަމަށެވެ.
"މުހައްމަދު ނަޝީދުގައި އަޑީގައި އަދި އެ ނުރައްކާތެރި ބަޢާވާތް ކުރަން ރޭވި ސްޕްރީމް ކޯޓުގެ އިސް ދެ ފަޑިޔާރުންނާއި ބައިވެރި ހުރިހާ ހާއިނުން، މި ނުބައި ހިޔާނާތުގެ ބޮޑު މަންޒަރު، ފަހަތުގައި ފޮރުވިފައިވާ ބޮޑު މަންޒަރު އަޅުގަނޑުމެންނަން ފެނިގެން ދިޔައީ 6 ފެބްރުއަރީ 2018 ވަނަ އަހަރުގެ 11:14 ގައި ގ. ކެނެރީގޭ މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން،" ނިހާން ވިދާޅުވިއެވެ.
ރައީސް ނަޝީދު އިޝާރަތް ކުރެއްވީ އިންޑިއާ ސިފައިން ރާއްޖެ އައުމަށް ކަމަށާއި އެއީ ދެބަސް ވެވެން ނެތް ހަގީގަތެއް ކަން ފާހަގަކުރަމުން ނިހާން ވިދާޅުވީ ރައީސް ނަޝީދަށް ދެން ދިވެހި ރާއްޖޭގެ ފަސްގަނޑުން ޖާގައެއް ނެތް ކަމަށެވެ.
"އޭނާ ހިތަށް އެރި ވަގުތެއްގައި، މި ދިވެހި ގައުމު އޭނާ ރޭޕްކުރުމަށް ފަހު، އަޅުގަނޑުމެން އެނާ ބަލައިގަންނަންވީ ތޯއޭ، މި ގައުމުގެ ފަސްގަނޑުން، މި ގައުމުގެ ފަސްގަނޑުން ބާކީ އޮތް އެއްވެސް ދުވަހެއްގައި ޖާގަ ނުދޭންވީ މީހެއް ގ. ކެނެރީގޭ މުހައްމަދު ނަޝީދަކީ، އެއްވެސް ހާލެއްގައި،" ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ އެމްޑީޕީއާ އެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކު ވެސް ވަނީ މީގެ ކުރިން ސިޔާސީ ޕޯޑިއަމްތަކުގައި ރައީސް ނަޝީދުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ދައްކަވާފައި ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ފަދަ ބޭފުޅުން މީގެ ކުރިން ރައީސް ނަޝީދާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ވިސްނާލުމަށް ދިވެހި ރާއްޔިތުންނަން އިލްތިމާސް ކުރައްވަމުން ނިހާން ވިދާޅުވީ އަދިވެސް ރައީސް ނަޝީދަށް ވެރިކަން ލިބިއްޖެ ނަމަ އެހެންދީންތަކަށް މި ގައުމުގައި ޖާގަ ލިބޭނެ ކަމަށެވެ.