ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރި ކަމަށް އަރައިގަނެ، ނޫސްވެރި ކަމަށް ހުރަސްއަޅައި ޤައުމީ ސަލާމަތް ހިމާޔަތްކުރުމުގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނެރުއްވާފައިވާ ބަޔާނާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހުކުރު ދުވަހު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބޮޑު ޓީވީ ޗެނަލަށް ސަލާމަތީ ޚިދުމަަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓާލައި އެ ޗެނަލް ބަންދުކުރުމަށް މަޖުބޫރުވާ ޙާލަތަށް ދިއުމަކީ ކަންބޮޑުވާ ކަމެކެވެ. އަދި ރާއްޖޭގައި ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް މޮނިޓާރ ކުރުމަށް މިނިވަން ކޮމިޝަންތައް ޤާނޫނުތަކުން ބާރު ލިބިގެން އުފައްދާފައިވާއިރު، ސިފައިން އިސްވެ، ޓީވީ ޗެނެލްތަކާއި ނޫސްވެރި ކަމަށް ބިރުދެއްކުމަކީ މިލިޓަރީ ވެރިކަންތަކުން ކުރާ ފަދަ ކަންކަން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތެއް ވެސް އަދި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޙާލަތެއް ވެސް ނެތް ހިނދު، ދައުލަތުގެ އަސްކަރިއްޔާ މެދުވެރިކޮށް މިފަދަ ޤާނޫނާ ޚިލާފް ކަންކަން ކުރުވުމަކީ އަސްކަރިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދިގެންދާނެ ކަމެއް ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުންޏެއެވެ.
އަސްކަރިއްޔާ ސިޔާސީވެ، އެއީ ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަންނަ ވަޞީލަތަކަވުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"އެހެންކަމުން މިފަދަ ކަންކަން ކުރުމުން އަސްކަރިއްޔާއިން ދުރުވެ، ޤައުމު މި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލަމެވެ. އަދި މީޑިޔާގެ މިނިވަންކަމަށް ހުރަހަކަށް ނުވެ، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމެވެ. ރާއްޖެ ޓީވީއަށާއި ރާއްޖޭގެ ނޫސްވެރިންނަަށް ކުރިމަތިވެފައިވާ ބިރުވެރިކަން ނައްތާލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނޫސްވެރިނަށް ޙިމާޔަތް ދިނުމަށް ގޮވާލަން" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.