ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށް ގެންދަން މަސައްކަތް ކުރި ސުލްހަވެރި އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުރަސް އަޅައިފިއެވެ.
ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މި އެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ގިނަ ބަޔަކު ޖަމާވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ގުޅިފައިވާ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރި މި ހަރަކާތަށް ފުލުހުން ހުރަސް އެޅުމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފުލުހުން އަމަލުކުރަންޖެހޭނީ ހަމަހަމަކާ އެކުގައި ކަމަށެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތަށް ކުރިއަށް ގެންދިއުމަށް ފުލުހުން ފުރުޝަތު ދިނުމަށް ފަހު، ހަރުގެ ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތަށް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަނީ ގާނޫނާ ހިލާފަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އެމްޑީޕީ ހަރުގޭގައި ތިބި އާންމު ރައްޔިތުންނަން މަގުމައްޗަށް ނުނިކުމޭނެ ގޮތަށް ފުލުހުން ވަނީ ސަފުތައް އަތުރާލާފައެވެ. އަދި ހަރުގެ ކުރިމަތީގައި ތިބި މީހުން ވަނީ އާޓިފިޝަލް ބީޗްގެ ތެރެއަށް ފަހަތަށް ޖައްސާފައެވެ.
އެ ސަރަހައްދުގައި ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ވެރިކަމުގެ ބާރުވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެހެންކަމުން ހައްގުތަށް ކަށަވަރުކުރުމަށް ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަށް ކަމަށް އަމީތު ވިދާޅުވިއެވެ.
ހަރުގެ ކުރިމަތީގައި ފުލުހުންގެ ސަފު އަތުރާލާފައި ވަނިކޮށް އެ ސަރަހައްދުގައި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އިސްލާހީ ހަރަކާތުގެ ބައިވެރިން ތިބީ ސާބިތުކަމާ އެކުގައި ކަމަށެވެ. އަދި ޙައްގުތައް ކަށަވަރުކުރުމަށް، ގާނޫނު އަސާސީގެ ދިފާއުގައި ކުރާ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ޝިފާޒު ވިދާޅުވުވިއެވެ.
ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. އދި އެމްޑީޕީ ހަރުގޭ ސަރަހައްދަށް މީހުން ޖަމާވުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމްގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ޕީޕީއެމްގެ ޖަގަހަތަކުގައި ޖަލްސާތައް ބާއްވާ އިރު ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ ޓީވީ އިން އެ ޖަލްސާތަކާއި ޕްރެސް ކޮންފަރެންސްތައް ދަނީ ދައްކަމުންނެވެ.