ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އަޅަމުންދާ ފިޔަވަޅުތަކަކީ ބާތިލު ފިޔަވަޅުތަކެއް ކަމަށް ގާނޫނީ ޕްރިމިއާ ޗެމްބާސް އިން ބުނެފިއެވެ.
ރާއްޖޭގެ ފުންނާބު އުސް ގިނަ ގާނޫނީ ވަކީލުންތަކެއް ސޮއިކުރައްވައި ނެރުނު ނޫސްބްޔާނެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ހޯމަ ދުވަހު ނެރުނު ގަރާރަކީ ގާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ހިލާފަށް ނެރުނު ގަރާރެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ގަރާރުން ފާހަގަވި 12 މައްސަލައެއް ފާހަގަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ގާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ހަވާލާދީ ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ގުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ ކަމަށް ފެނިއްޖެ ހާލަތެއްގައި ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންވާ ހައްގުތަކުގެ ތެރެއިން ހިފެހެއްޓޭނީ ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ކަނޑައެޅި ބަޔާންވެފައިވާ ހައްގުތައް ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ނުހިމެނޭ ހަ މާއްދާއަކުން ކަށަވަރުކޮށް ދޭ ބާރުތައް ކުއްލި ނުރައްކަލުގެ ގަރާރުން ހިފަހައްޓާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެ މާއްދާތަކުގެ ބާރު ކަނޑުވާލާފައި ވުމުން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ގާނޫނާ ހިލާފަށް ނެރުނު ގަރާރެއްކަށް ފާހަގަކޮށް ބަޔާނުގައި ވަނީ އެ ގަރާރު ތަންފީޒު ކުރެވި އޭގެ މައްޗަށް ބިނާކޮށް އަޅުއްވާ ފިޔަވަޅުތަކަކީ ބާތިލު ފިޔަވަޅުތަކެއް ކަމަށާއި އެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަން ކުރަންޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދާއި ޝާހީން ހަމީދާއި، އިބްރާހީމް ޝަމީލް، ހަސަން މަޢާޒް ޝަރީފް، ޑރ. މުހައްމަދު އިބްރާހީމް، އައިމިނަތު އަމަތުﷲ އަދި އާއިޝަތު ޝިފާލާ ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އެހެން ފަރާތްތައް ބަންދު ކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމެއް ނެތި، ބަންދުގައި ބޭތިއްބުމަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށެވެ.
"އެ ފަރާތްތައް ވަގުތުން މިނިވަން ކުރުމާ އެކު، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނުވަތަ އެހެން ކޯޓެއްގެ ފަނޑިޔާރުންގެ މައްޗަށް ވިޔަސް ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރެއިން އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލަތައް އިންސާފުވެރިކަމާ، ހާމަކަމާ، ހަމަހަމަކަމާ އެކު އަވަސް ގޮތެއްގައި ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށާއި،" ބަޔާނުގައިވެއެވެ.
ރައްޔިތުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އިހްތިރާމުކޮށް އެ ހައްގުތައް ކުރިއެރުވުމަށާއި ގާނޫނީ ވެރިކަން ނެގެހެއްޓުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.