ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނިކޮށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ފުލުހުންގެ އިދާރާ އަށް ވަޑައިގެންފިއެވެ.
ސިނާނާ އެކު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ހުކުރު ދުވަހު ހަވީރު ފުލުހުން ވަނީ ފޮޓޯއާ އެކު އާންމުކޮށްފައެވެ. ހޯދަން އިއުލާން ކުރިތާ ގަޑިއެއްހާއިރު ތެރޭގައި ސިނާން ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެވަޑައިގެންފައެވެ.
ހުކުރު ދުވަހުގެ ހަވީރު ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގެން ސިނާން ފުލުހުންނާ ހަވާލުވެފައިވާއިރު، އިލްހާމް ފުލުހަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އޭނާއާ ގުޅަން ރާއްޖެ އެމްވީ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ސިނާނާއި އިލްހާމް މީގެ ކުރިން ވެސް ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ވަނީ އެ ދެބޭފުޅުން މިނިވަންކޮށްފައެވެ. އެފަދަ އެ ދެ ބޭފުޅުން ހައްޔަރު ކުރީ ހޯދަން އިއުލާންކޮށްފައި ވަނިކޮށް، ރާއްޖެ އިން ބޭރުގައި ތިއްބެވުމަށް ފަހު، ރާއްޖެ ވަޑައިގެންނެވުމާ އެކު އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ސޮއި ކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިނާނާއި އިލްހާމް ރާއްޖެ ވަޑައިގެންނެވީ ފަސް މަސް ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހުއެވެ.
ސިނާނަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އަރިހުގައި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވުމަށް ފަހު އިދިކޮޅު ހަރަކާތާ ގުޅުނު މަޖިލިސް މެމްބަރެވެ. އިލްހާމަކީ ވެސް ރައީސް ޔާމީންގެ އަރިހުގައި، ސިޔާސީ މަސައްކަތުގައި އުޅުއްވި ޕީޕީއެމްގެ އިސް ބޭފުޅެކެވެ.
މި ދެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތަކީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތު ހިފިކަމުގެ ތުހުމަތެވެ.