ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ މަޝްރަޚް އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޔެންޗާ ދެއްވައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޚާއި ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމާއި ގުޅޭ ގޮތުން އދ.ގެ މަސްދަރުތަކާއި ހަވާލާދީ އޭއެފްޕީ އިން ބުނީ، އެބައްދަލުވުމުގައި އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ރާއްޖެގެ ހާލަތާއި ގުޅޭ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ.
ޔެންޗާގެ ރިޕޯޓްގައި، ރާއްޖޭގައި ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ މަޝްރަހް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށާއި، އިތުރަށް ހާލަތު ގޯސްވުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި ކަމަށް އޭއެފްޕީ އިން ރިޕޯޓް ކޮށްފައިވެއެވެ.
އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ މަޝްރަޚާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުން ސިއްރުކޮށްފައިވުމާއެކު ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތެއް ލބިފައެއްނުވެއެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެ އާ ގުޅޭ ބައްދަލުވުމެއް ބާއްވާފައިވަނީ، ސިޔާސީ ކުށްވެރިން މިނިވަންކޮށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.
މިއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތާއި ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުމަށްފަހު ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެފައެއްނުވެއެވެ.
އދ،ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަނަރ ޒެއިދު ރަޢަދު އަލް ހުސެއިން ވަނީ، މިމައްސަލާގައި ރައީސް ޔާމީން އަމަލު ކުރައްވާފައިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހުރިހާ ބާރަކާއި ވަޞީލަތްތަކެއް ބޭނުން ކުރައްވައިގެން ޑިމޮކްރަސީ އަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރެއްވި ފަހުން އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އަށް ފޯނުން ގުޅުއްވައި، ފަނޑިޔާރުން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.
އަދި ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ މައްސަލަތައް ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާގެ ތެރެއިން ހައްލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި، މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމުގައި އދ. އިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ޔެންޗާ ދިވެހި ސަރުކާރަށް ދަންނަވާފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ފަރްހާން ޙައްޤު ވިދާޅުވިއެވެ.