ރާއްޖެޓީވީ އަށް ދެމުންދާ އިންޒާރުތަކާމެދު އިހުމާލުވެ، މީޑިއާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ ތަންފީޒީ ބާރުތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތުތަކަށް ތަކުރާރުކޮށް އިހުމާލުވަމުންދާތީ ދައުލަތުގެ ތަންފީޒީ ބާރުތަކުގެ އޮފިޝަލުން ޒިންމާދާރުވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމަށް ގޮވާލާފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ބައެއް މީޑީއާތަކުން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް ބުނެ، އެފަދަ މީޑީއާތަކަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅާނެ ކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނެރުނު ބަޔާނާއި، ތަކުރާރުކޮށް ލިބެމުންދާ އިންޒާރުތަކާއި ގުޅިގެން ކަމަށް ބުނެ ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލާފައިވަނިކޮށެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ޓްވިޓަރ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވަނީ މީޑިއާ އަށް ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުވުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްޤާއިމެދު ތަކުރާރުކޮށް ފަރުވާ ކުޑަކުރަމުންދާތީ އެކަން ކުށްވެރިކޮށްފައިވެއެވެ.
އަދި ނޫސްވެރިކަން ކުރުމަށް އޮތް ބިރުވެރި މާހައުލާއި، ވަކިވަކި ނޫސްވެރިންނާއި ބައެއް މީޑިއާތަކަށް އަމާޒުކޮށްގެން ހިންގާ ބިރުދެއްކުމުގެ އަމަލުތައް ހުއްޓުވަންޖެހޭ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.
އަދި ނޫސްވެރިންނަށް ލިބިފައިވާ އަސާސީ ހައްގެއްގެ ބޭނުން ކުރުމާއި ގުޅިގެން އަނިޔާ ލިބެމުންދާ ނޫސްވެރިންނާއެކު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އޮންނާނެ ކަން އެޖަމާއަތުން ބުނެފައިވެއެވެ.