ރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހަށް ސުލްހަ ގެނައުމަށްޓަކައި މެދުވެރިއެއްގެ ރޯލް އދ. އިން އަދާ ކުރުމަކީ ޗައިނާ އިން ގަބޫލު ކަމެއް ނޫން ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް އދ. އިން މެދުވެރިއެއްގެ ރޯލް އަދާކުރުމާ ބެހޭ ގޮތުން ޗައިނާގެ ބަހަކީ ކޮބައިތޯ ސުވާލު ކުރުމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގޭންގް ޝުއަން ބުރާސްފަތި ދުވަހު ވިދާޅުވީ، ޗައިނާ އިން އަބަދު ވެސް ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަަލަމުންދާ ކަމަށާއި، ޗައިނާ އިން ގަބޫލުކުރާ ގޮތުން މިހާރު ރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ރާއްޖޭގެ ދާހިލީ މައްސަލައެއް ކަަމަށެވެ. އަދި އެކަން ހައްލު ކުރެވޭނީ އެކަމުގެ ޝާމިލުވާ ހުރިހާ ފަރާާތްތައް މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަމަށާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ރާއްޖޭގެ ހަލަބޮލިކަން ހައްލުކުރުމަށްޓަކައި ގާތުން އެކިފަރާތްތަކާ ގުޅިގެންް މަސައްކަތްކުރުމަށް ޗައިނާ އިން ތައްޔާރު ކަމަށެވެ. އަދި "ޗައިނާ އިން ކަމާބެހޭ ފަރާތްތަކާ މިހާރު ވެސް އެގުޅުން ބާއްވަމުންދާ" ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. ހުކުމް ތަންފީޒުކުރަމުން ގެންދާ ސިޔާސީ ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކޮށް ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމުގެ ސަބަބުން ރާއްޖޭގެ އެތެރެއިންނާއި ބޭރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.