ސިޔާސީ ހަރަކާތް ހިންގަން ޕީޕީއެމް ރައީސް އަބްދުﷲ ޔާމިން ފެކްޝަނަށް ފުލުހުން ދޭ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.
އެމްޑީޕީން ފުލުހުންނަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި އިދިކޮޅު ހަރަކާތްތައް ކުރިއަށްދާއިރު ފުލުންގެ ފަރާތުން ރައްކާތެރިކަން ލިބުމުގެ ބަދަލުގައި އެ ހަރަކާތް ރޫޅާލުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އޭގެ ބަދަލުގައި ޕީޕީއެމްގެ ރައީސް ޔާމިން ފެކްޝަނުން ބާއްވާ ޖަލްސާތަކަށް އެ ސަރައްދު ބަންދުކޮށްދީ، ސެކިއުރިޓީ ބަލަހައްޓަމުންދާކަން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ރާއްޖެއެމްވީއަށް ވިދާޅުވީ ފުލުހުންގެ ހަމަހަމަކަމާ އެކު ސިޔާސީ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އަދި ހަމައެހެންމެ ފުލުހުންގެ އިސް ބޭފުޅުން އެންގެވި ނަމަވެސް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްނޭޅުމަށް ވެސް އެ ސިޓީގައި އެދިފައިވާނެ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.
ސިޔާސީ ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ފުލުހުންގެ ކިބައިން އެދުނުއިރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން މިނިވަންކަމާ އެކެ ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދާއިރު އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް ފުލުހުން ގެންދަނީ ހުރަސްއަޅަމުންނެވެ.