ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށާއި،އެކަމަނާގެ ބައްޕާފުޅު ޖަލަށް ވަޑައިގަންނަށް ޖެހުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެކްސްޕްރެސްއަށް ނޫހަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ، ރާއްޖޭގެ ހާލަތު ހަމައަކަށް އެޅުވުމަށް އިންޑިއާގެ މިލިޓަރީގެ އެހީތެރި ކަމަށް ރައީސް ނަޝީދު އެދި ވަޑައިގަތުމަކީ ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ.
"އާދެ! އަޅުގަނޑުމެންގެ ގައުމު މިއަދު އޮތީ ސިޔާސީ ގޮތުން ދަތި ފައްތަރެއްގައި. އެކަމަކު ވާހަކަދައްކައި މަޝްވަރާކޮށް އަޅުގަނޑުމެން އަމިއްލައަށް ހައްލު ނުކުރެވޭވަރުގެ ކަމެއް ނެތް. އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެން ދިވެހިން،" ދުންޔާ ވިދާޅުވެފައިވެއެވެ.
ދުންޔާ ތުހުމަތު ކުރެއްވި ގޮތުގައި އަމިއްލަ ދިފާއުގައި މީޑިއާއަކަށް އެއްޗެއް ދަންނަވަން މަޖުބޫރުވީ، "ނަޝީދަށް ސަޕޯޓް ކުރާ" ރާއްޖެޓީވީ އިން އެކަމަނާއާ ގުޅޭ ގޮތުން ވާހަކަތައް ދެކެވެމުންދާތީ އެކަމަށް ކެތް ނުކުރެވިގެން ކަމަށް ވިދާޅުވިއެވެ.
ދުންޔާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ދިފާއު ކުރައްވައި އެކަމަށް ތާއީދު ކުރައްވާފައެވެ. އަދި ފުލުހުންނާއި ސިފައިންނަށް ދުންޔާ ތައުރީފު ކުރެއްވިއެެވެ.
ރައީސް މައުމޫނު ހައްޔަރުކޮށްފައި ވަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި ކަމަށް ބުނެއެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ބައްޕާފުޅު ހައްޔަރުކުރުމުން ހިތާމަ ލިބިވަޑައިގެންނެވި ކަމަށް ދުންޔާ ވިދާޅުވި ނަމަވެސް ސަރުކާރު ދިފާއުކުރެއްވުމުގައި ހުންނަވާތީ ގިނަ ބަޔަކު ދަނީ އެކަމަނާ އަށް ފާޑުވިދާޅުވަމުންނެވެ. އަދި ކުރިމަތިވެފައި ވަނީ ކޮން މަޖުބޫރީއެއްތޯ ވެސް ސުވާލު ކުރަމުންނެވެ.
ކުރިން ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދުންޔާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. އަދި އިސްތިއުފާ ދެއްވުމަށް ފަހު ސަރުކާރަށް ފާޑުވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެ އެއަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވިއެވެ. މިހާރު ހުންނެވީ ސްޓޭޓް މިނިސްޓަރަކަށެވެ. ދުންޔާގެ އިތުރު ކޮއްކޯފުޅު ޣައްސާން މައުމޫނު ވެސް މަސައްކަތްކުރައްވަނީ ސަރުކާރާ އެކު ރައީސް އޮފީހުގައެވެ.