ބައްޕަ ޖަލަށްދާން ޖެހިދާނެ ފަދަ ދުވަހެއް އައިސްދާނެ ކަމަށް ދުވަހަކު ވެސް އުއްމީދެއް ނުކުރައްވާ ކަމަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ އެކަމަނާގެ ފިރިކަލުންން ޝުއައިބް ޝާހްއާ، ދެބޭފުޅުން ގުޅިގެން ފޭސްބުކް މެދުވެރިކުރައްވައި ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫނު ޖަލުގައި އޮންނަން ޖެހިވަޑައިގަތުމަކުން ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުގެ ބައްޕަ ޖަލުގައި އޮންނަވާތާ ތިންވަނެރޭވީ. އެތާނގަ އޮންނަވަން ޖެހޭތީ ކަންބޮޑުވޭ," ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ، އެކަމަނާގެ ބައްޕާފުޅަކީ، 30 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވައި، ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ރާއްޖެ މިހިސާބަށް ތަރަށްގީ ކުރެއްވީ ވެސް ބައްޕާފުޅު ކަމަށެވެ. އެހެންކަމުން މިފަދަ ދުވަހެއް ފެނިވަޑަގަންފާނެ ކަމަށް ހީވެސް ނުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ ވީހާ ވެސް އަވަހަކަށް ރައީސް މައުމޫނު މިނިވަންވެވަޑައިގެން ގެއަށް ވަޑައިގަތުން ކަމަށް ދުންޔާ ވިދާޅުވިއެވެ.
މި ވީޑިއޯ މެސެޖްގައި ދުންޔާގެ ފިރިކަލުން ޝުއައިބް ޝާހް ވިދާޅުވީ، "ބަފައިބެ" މައުމޫނު ޖަލުގައި އޮންނަށް ޖެހުމަކީ މުޅި އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. އަދި ދުއާއަކީ ވީހާ ވެސް އަވަހަކަށް އެމަނިކުފާނު ސަލާމަތް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދުންޔާ މިގޮތަށް ވީޑިއޯ މެސެޖެއް ދެއްވާފައި މި ވަނީ، އެކަމަނާގެ ބައްޕާފުޅު މި ސަރުކާރުން ޖަލުގައި ހައްޔަރު ކުރުމުން ވެސް އަދިވެސް ރައީސް ޔާމީނަށް ތާއީދުކުރައްވައި ޔާމީންގެ ފަހަތުގައި ސާބިތުވެ ހުންނާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އިންތިހާއަށް އަމާޒު ވަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.