ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތް ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ބޭފުޅެއް ހޯދަން އިއުލާންކޮށްފިއެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން އަލީއެވެ. ހަސަން އަލީ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުން ވަކިކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން ވަކި ކުރުމުން މިއަދާ ހަމައަށް ހައި ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރަމުން ދަނީ އެކޯޓުގެ އެހެން މުވައްޒަފެކެވެ.
ހައި ކޯޓުން ބުދަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 28،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ.
ރަޖިސްޓްރާއަކީ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، ކޯޓުގައި ދެން އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ. ހުށަހެޅޭ މައްސަލަތަކަކީ ކޯޓަށް އިހްތިސާސް އޮތް މައްސަލަތަކެއްތޯ ބަލައި، މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރީ ކުރުން ފަދަ ކަންކަމަކީ ރަޖިސްޓްރާގެ ބެލުމުގެ ދަށުން ހިނގާ ކަންކަމެވެ.