އަވައްޓެރި އިންޑިއާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ދޫކުރަމުން އައި ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށް، އަންގަމުން އެބަދެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ނަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓުވާފައިވާ ކަމަށް، އެ ވިސާ އާ ކުރުމަށް އެފްއާރުއާރުއޯ އޮފީހަށް ދިއުމުން ދިވެހިންނަށް އަންގަމުންދާ ކަމަށެވެ. އަދި އެފްއާރުއާރުއޯ އިން އާއްމުކޮށް ދޭ ޖަވާބަކީ މިހާރު ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި، މުއްދަތު އޮތް ވިސާ ހަމަވުމުގެ ކުރިން އިންޑިއާ އިން ފުރުމަށް އަންގަމުންދާ ކަމަށް ވެސް އެސިޓީގައި ބުނެފައި ވެއެވެ.
ނަމަވެސް ކިޔެވުމަށް މަދަރުސާ އަށް ދާ ކުދިންނަށް ސްޓޫޑެންޓް ވިސާ ކުރިން ދޫކުރަމުންދިޔަ ގޮތަށް ވިސާ ލިބޭނެ ކަމަށާއި އެގޮތުން ކިޔަވަން ތިބޭ ކުދިން ބޯޑިން ސްކޫލްގައި ބޭއްތިއްބުމަށް ފަހު ބެލެނެވެރިން ރާއްޖެ ފުރުމަށް އަންގަމުންދާ ކަމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެސީޓިގައި ބުނެފައި ވަނީ ވަކި ޓައިމްލައިނެއް ނުދީ ކުއްލި ގޮތަކަށް ވިސާގެ އުސޫލަށް ބަދަލުގެނެސް ފުރުމަށް އެންގުމުން އެއީ އެންމެ ނިކަމެތި ފަރުދުންނަށް ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށާއި އިންޑިއާގެ ޓްރިވެންޑްރަމަކީ ޒަރޫރީ ބޭނުންތަކަށް ގިނަ ދިވެހިން ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ގައުމެއް ކަމަށެވެ. އަދި ބައެއް މީހުންނަކީ މަޖުބޫރީ ހާލަތުގައި ތިބެންޖެހިފައިވާ ބައެއް ކަމަށް ވެސް އެސިޓީގައި ބުނެފައި ވެއެވެ.
އެސިޓީ ނިންމާލަމުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ރައްޔިތުން ބުނެފައި ވަނީ އިންޑިއާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ވާހަކަ ދައްކައިގެން މިމައްސަލައަށް އަވަސް ހައްލެން ހޯއްދަވައިދެއްވުމަށް އެދޭ ކަމަށެވެ.
ވިސާ މައްސަލާގައި ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހަށް ގިނަ ބަޔަކު ޖަމާވެ، އެކަމުގެ ޝަކުވާ ދަނީ އުފުލަމުންނެވެ.