އެކި ސަބަބުތަކާއި ހުރެ ކުރިއަށް ގެންދެވޭގޮތްގޮތްނުވެ، މިހާތަނަށް ހުއްޓިފައި އޮތް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރުން ގޮވާލައިފިއެވެ.
މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން މިހާތަނަށް އިސްކޮށް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު، ޑރ. މުޙައްމަދު ޝައިނީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ގެންނަން އުޅުނު ބަޣާވަތުގެ ފަހަތުގައި ތިބި ފަރާތްތަކާއި ގުޅޭ ބައެއް ހެކި، ދިވެހި ފުލުހުން ހާމަކުރުމާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ސަރުކާރާއި މަޝްވަރާކުރަން ބޭނުންވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
After Police Services revealed some of the evidences against the people behind the attempted coup, we believe the opposition will want to solve the political differences thru dialogue. So government calls on political parties to start party talks.
— Mohamed Shainee (@mshainee) February 8, 2018
ސަރުކާރުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ ޕާޓީތަކުގެ މަޝްވަރާތަކަށް ގޮވާލާފައެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް މަޝްވަރާތައް ފެށުމާއިއެކު، ނުވަތަ ފެށުމުގެ ކުރިން ދެފަރާތުގައި ހިތްހަމަނުޖެހުން އުފެދި، މަޝަވަރާތަކަށް ހުރަސްއެޅެއެވެ.
އެގޮތުން އެންމެ ފަހުން ވެސް ސަރުކާރުން މަޝްވަރާއަށް ގޮވާލި ފަހަރު، މަޝްވަރާއަށް ގޮވައިލަނީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށް އިޢުލާނުކުރުމަށް ފަހު، ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިކުރަން ބޭނުންވާ މަންދޫބުންގެ ނަން ހާމަ ކުރުމާއިއެކު ސަރުޚާރުން ވަނީ އެކަން ބަލައި ނުގަންނާނެ ކަމަށްބުނެ، މަޝްވަރާތަކަށް ހުއްޓުމެއް ގެނެސްފައެވެ.