ގޭގައި ގެންގުޅުނު ބިދޭސީ އަންހެން މީހާއަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޖިންސީ ގޯނާ ކުރި ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރެއްވި ތުހްމަތު، މުއިއްޒު ދޮގުކުރައްވައިފި އެވެ.
ކުރިން ޖެންޑަ މިނިސްޓަރުކަން ވެސް ކުރެއްވި ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަރުހޫމް ޖޭޒްމިން އަށް "ސަރ" ޖިންސާ ގޯނާ ކުރަމުން ދިޔަ ކަމަށާއި އެ ވާހަކަ ދެއްކުމުން މެޑަމް ކޯފާވި ކަމަށް ޖޭޒްުމިން ބުނި ކަމަށެވެ. އެ ވާހަކަ ޖޭޒުމިން ދެއްކިކަމުގެ ހެކިން އެބަ ތިބި ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
"އެއީ މުއިއްޒުގެ ބެއްލެވުމުގެ ދަށުގައި ހުރި މީހަކަށް ވާތީ މައްސަލައިގަ އިންސާފު ހޯއްދެވުމަށް މުއިއްޒު އުޅުއްވަން ނުޖެހޭބާ؟" މެލޭޝިއާގައި ދިރިއުޅުއްވަމުން ގެންދަވާ ދިޔާނާ ކުރެއްވި ޓްވީޓްގައިވެއެވެ.
Maruhoom Jasmine ah ‘sir’ jinsee goanaa kuramun dhiyakamashaa e vaahaka dhekkumun ‘madam’ koafaavikamah Jasmine bunikamah bunevey vaahakaigaa hekin ebathibi. Eyee Muizzge bellevumuge dhashuga huri meehakahvaathee massalaiga insaafu hoaddhavaadhevvumah Muizzu ulhuvvan nujeheybaa? pic.twitter.com/IN8VGNfGYf
— Dhiyana (@dhiyanasaid) February 8, 2018
މި ތުހްމަތަކީ ކަނޑައެޅިގެން ރާއްޖެޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވަނީ ދޮގެއް ކަމަށް ވިދާޅުވެފައެވެ.
"ﷲ ދެނެވޮޑިގެންވާނެ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް. އެކަހަލަ ދޮގު ވާހަކަ ދައްކާއިރު ﷲ އަށް ބިރުވެތި ނުވަނީ ކީއްވެބާ؟" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ގޭގައި ގެންގުޅުނު ބިދޭސީ އަންހެން މީހާ ދަންޖެހިގެން މަރުވީ 2012 ވަނަ އަހަރުއެވެ.
އެކަމާ ގުޅިގެން މުއިއްޒު އޭރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މީހާ ދަންޖެހި މަރުވީ މުއިއްޒާއި އަނބިކަނބަލުން ގެއިން ބޭރުގައި އުޅުއްވަނިކޮށް ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އޭގެ ތަފްސީލުތައް ފުލުހުންގެ ތަހުގީގުން އެނގިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް އެކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ނުބަލައި ހަގީގަތާ ޚިލާފަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް މުއިއްޒު އޭރު ވިދާޅުވެފައިވެއެވެ.