އަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރުކޮށްފައި ހުރީ ދޫނިދޫގައިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
އަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރުކުރިކަން އެެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ، ސުވާލުކުރުމަށް ކަމަށް ބުނެ ހައްޔަރުކޮށްގެން ގެންގޮސް މިހާރު ހުރީ ދޫނިދޫގައިކަން އެނގިފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ވަކީލުން އެކަމަނާއާއި ބައްދަލުކުރެއްވުމަށް ދޫނިދޫއަށް ދިއުމަށް ހަމަޖެހިފައިވާކަން ވެސް ވަނީ އެނގިފައެވެ.
ބުދަ ދުވަހުގެރޭ ވަނީ އަލީ ހަމީދު އަނބިކަނބަލުން ދިރިއުޅުއްވާ ގެއަށް ވަދެ އެ ގެ ބަލާ ފާސްކޮށް ގަހަނާއާއި ގަޑި ފަދަ ތަކެތި ގެންގޮސްފައި ކަމަށް އާއިލާއިން ބުނެއެވެ. އަދި އަންގާރަ ދުވަހުގެރޭ އަލި ހަމީދުގެ އަންހެނުންގެ ދެ ކޮއްކޮއަކާއި އޭޭގެން އެކަކުގެ އަނބިކަނބަލުން ވެސް ހައްޔަރު ކުރި އެވެ. އޭގެ އިތުރުން އެ މީހުން ދިރިއުޅޭ މ. މިބިނާ ފުލުހުން ވަނީ ފާސްކޮށް ބައެއް ތަކެތި ވެސް ގެންގޮސްފަ އެވެ.
އިދިކޮޅު ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އަލީ ހަމީދާއި އުއްތަމަފަނޑިޔާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އަލީ ހަމީދުގެ ހާލުކޮޅު ދެރަވެގެން ބުދަ ދުވަހުގެރޭ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ވެސް ދޭން ފަށައިފަ އެވެ.
ފަޑިޔާރު އަލީ ހަމީދަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަލީ ހަމީދާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި އެކަމަށް ހެކި ހޯދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.