ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ އެންޑީޓީވީ އިން ރިޕޯޓްކޮށްފި އެވެ.
ބޭރު ގައުމުތަކުގެ ބައެއް ޑިޕްލޮމެޓުންނާއި ހަވާލާދީ އެންޑީޓީވީ އިން ބުނީ، ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓުން ރާއްޖޭގެ ހާލަތާއި ގުޅޭ ރިޕޯޓެއް އިއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވަނީ އދ.ގެ ޕޮލިޓިކަލް އެފެއަޒް ޑިޕާޓްމަންޓުން ކަމަށް އެންޑީޓީވީ އިން ރިޕޯޓްކޮށްފައިވެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވަނީ، ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ވަނީ، ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އާ އަންގާރަ ދުވަހު ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.
ޔެންޗާ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އާސިމް އާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނުގެ ނައިބު ފަރްހާން ޙައްޤު ވިދާޅުވި އެވެ.
އަދި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށާއި، ފުލުހުން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަގުތުން ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވާ ކަމަށް އދ.ގެ ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ޤާނޫނު އަސާސީ ނެގެހެއްޓޫމާއި، ޤާނޫނީ ވެރިކަން ނެގެހެއްޓުމުގެ މުހިންމު ކަމާއި ގުޅޭ ގޮތުން ޑރ. އާސިމް އާ ޔެންޗާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، ހާއްސަކޮށް ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމުގެ މުހިންމުކަން ޔެންޗާ ފާހަގަ ކުރައްވާފައިވާ ކަމަށް އދ.ގެ ތަރުޖަމާނު ވިދާޅުވި އެވެ.
އަންގާރަ ދުވަހު ހެނދުނު ނެރުއްވި ބަޔާނެއްގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވުމާއި، ސަލާމަތީ ބާރުތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެގަތް މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޤާނޫނު އަސާސީ އާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް އެބަޔާނުގައިވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.
ރައީސް ޔާމީން ނެރުއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރާއި ގުޅޭ ގޮތުން، އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފާނޭ ޑުޖަރިޗް މެދުވެރިކޮށް ނެރުއްވި ބަޔާނުގައި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.
މީގެ ކުރިން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒްކޮށް، ސުޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމަ އަށް އިޙްތިރާމް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، އދ.ގެ ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒެއިދު ރަޢަދް ހުސެއިން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމަކީ ހުރިހާ ބާރުތަކެއް ބޭނުން ކުރައްވައިގެން ޑިމޮކްރެސީ އަށް ދޭ ހަމަލާއެއް ކަމަށް ސިފަ ކުރައްވާފައެވެ. މީގެ އިތުރުން މިހާރު މިހިނގާ ކަންތައްތަކަކީ ހުރިހާ ބާރުތަކެއް ރައީސް ޔާމީންގެ އަތްޕުޅަށް ޖަމާކުރެއްވުން ކަމަށް ސިފަ ކުރައްވާ، ޒެއިދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޒެއިދު ވަނީ، ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.