ސިޔާސީ ބައެއް މީހުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ކަން ހިނގި ގޮތާއި އެމަނިކުފާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގި ގޮތް ތަހްގީގު ކުރުމުގެ ކުރިން އެކަން ކުރިގޮތް އެމަނިކުފާނަށް ﷲ އިލްހާމް ކުރެއްވިކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
"ކަނބަލުންނަށްޓަކައި ކަނބަލުން" ނަމުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ 2015 ވަނަ އަހަރު އެމަނިކުފާނު ހައްޖަށް ވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ވަގުތު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގި ވަގުތު އެކަން ކުރީ ކާކުކަން ﷲ އިލްހާމް ކުރެއްވި ކަމަށެވެ.
" ( ލޯންޗްގައި އެއްޗެއް ގޮވުމާއެކު) އަޅުގަނޑުގެ އަންހެނުން އޮތީ ހޭނެތިފައި. އަޅުގަނޑުމެން ދަތުރުކުރި ލޯންޗުން ފުލުހުންގެ ލޯންޗަކަށް ބަދަލުވިއިރު މުޅި މަންޒަރު އަޅުގަނޑުގެ ހިތަށް ﷲ އިލްހާމް ކުރެއްވި،" މީގެ ދޮޅުއަހަރު ކުރީގެ ހާދިސާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން ކުރީ އޭރު އެމަނިކުފާނުގެ ނާއިބު ރައީސް އަހްމަދު އަދީބު ކަން ލޯންޗުން މާލެ ފައިބާވަޑައިނުގަންނަވަނީސް އެމަނިކުފާނަށް ﷲ އިލްހާމް ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ ހާދިސާ ހިނގި ރޭ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު އެކަން ހިނގި ގޮތް އެމަނިކުފާނަށް ވިދާޅުވެ ދެއްވަން ފެއްޓެވުމުން އެކަން ހިނގި ގޮތް ﷲ އެމަނިކުފާނަށް އިލްހާމް ކުރައްވާފައިވާކަން އެ ބޭފުޅުންނަށް ދެންނެވި ކަމަށެވެ.
"މިކަމުގެ ސާބިތު ވާހަކަ ބޭފުޅުން މި ރާއްޖޭގައި ތިއްބަވާނެ. އެރޭ ޕޮލިސް ކޮމިޝަނަރު އަޅުގަނޑާ ބައްދަލު ކުރެއްވި. ޕޮލިސް ކޮމިޝަނަރުގެ އެސިސްޓެންޓަކަށް އުޅުއްވާ ދެ ބޭފުޅުން އަޅުގަނޑާ ބައްދަލު ކުރެއްވި. އަޅުގަނޑަށް އެކި ވާހަކަ ދައްކަވަން ފެއްޓެވި. އަޅުގަނޑު ދެންނެވިން، މިހާރު ވެސް އައްސަވާ ހުސެއިން ވަހީދު ކައިރި، އަޅުގަނޑު ދެންނެވިން އަޅުގަނޑަށް މުޅި މަންޒަރު ސިފަ ވެއްޖެއޭ. އަޅުގަނޑު އެއް ލޯންޗުން އަނެއް ލޯންޗަށް ބަދަލުކުރި އިރު އަޅުގަނޑު ބެލިން ފާލަންމަތި. އަޅުގަނޑު ބެލިން ކަންކަން ހިނގީ ކިހިނެއްތޯ. އެ ހިސާބުން އަޅުގަނޑަށް އޭގެ ހަގީގަތް އެނގިއްޖެ. އެއީ ކޮން ބައެއްގެ ރޭވުމެއްކަން، ކޮން ބައެއް މަދަދުވެރިކަމާއެކު ކިހާ ބާރުވެރި ބައެއްގެ ނުފޫޒާއި އެކު ނޫނީ ނުވާނެ ކަމެއްކަން އަޅުގަނޑަށް އޭރު ވެސް އިނގޭ،" އެ ހާދިސާ ތަފްސީލް ކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމާއެކު އެއީ ލޯންޗްގައި ދިމާވި ހާދިސާއަކުން ގޮވި ގޮވުމެއް ނޫން ކަމާއި އެއީ ބަޔަކު ދިން އުދުވާނީ ހަމަލާއެއްކަން ހަމަ އެވަގުތުވެސް އެނގިވަޑައިގެންވި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ގޮތުގެ ކަންކަން ހިނގާދިޔަ ގޮތުގެ ދިރާސާ ރިޕޯޓެއް އެމަނިކުފާނަށް މިހާރު ލިބިވަޑައިގެންފި ކަމަށާއި އެހެން އެ ކޯޓު އަމުރު ނެރުނު ދުވަހުގެ ރޭ އެމަނިކުފާނަށް އެކަން އިލްހާމް ކުރެއްވި ކަމަށެވެ.
"އަޅުގަނޑަށް މި ހިނގާދިޔަ ކަންތަކުގެ ތަހްލީލީ ދިރާސާތަކެއް އަޅުގަނޑަށް ލިބިއްޖެ. އެކަމު އަޅުގަނޑަށް މި މަސައްކަތުގެ ހުކުރު ވިލޭރޭ އާ ހިސާބަށް އައިރު މި މަންޒަރު ރަނގަޅަށް ރީތިކޮން ފެނޭ. ﷲގެ ރަހްމަތުން އަޅުގަނޑަށް ސިފަވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ރައީސްގެ ދެ ކަނބަލުން ދަތުރުކޮށްލި ހާދިސާއާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބާއި އިތުރު ބައެއްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ވަނީ ޖަލަށް ލާފަ އެވެ. އަދި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކުރައްވާފަ އެވެ.