ބޭރުގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ގޮވާލާ ބައެއްގައި ދައުލަތް ހިންގާނެ ކަމުގެ ގާބިލްކަން ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ބުދަ ދުވަހުގެރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ހުންނަވާ ރައީސް އޮފީހުން ނުފިލާ ބޭރުގެ ފަރަންޖީން ކޮންސަލްޓެންޓުންގެ ގޮތުގައި ގެންގުޅުނު ކަމަށާއި އެމީހުން ގެންގުޅުނީ ދިވެހި ދައުލަތުން މުސާރަދީގެން ކަމަށެވެ. އަދި ދިވެހި ކުންފުނިތަކުގައިވެސް އެފަދަ ފަރާތްތައް ގެންގުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ސަރުކާރާއި އަސްކަރިއްޔާއަށް ބުނެލަން އޮތް ވާހަކައަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވައިގެންފިނަމަ މިގައުމުގައި އޮންނާނީ ބޭރުގެ އަސްކަރިއްޔާ އެއް. މި ސަބަބަށްޓަކައި ވެސް ދިވެހި ސިފައިން އެބަޖެހޭ މިކަމާ ދޭތެރޭ ވިސްނަން" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކޮންމެ ކަމަކަށް ބޭރުގެ ފަރަންޖީންގެ އެހީތެރިކަން ހޯދަން ގޮވާ ކަމުގައިވާނަމަ މިކަމުންވެސް ދައްކުވައިދެނީ އެ ފަރާތްތަކުގެ ނާގާބިލް ކަން ކަމަށެވެ. މިހާ ނުކުޅެދޭ ބަޔަކު ވެރިކަމުގެ ޒިންމާ އަދާކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެފަދަ ކަންކަމަށް ގޮވާލާ ހުރިހާ ލީޑަރުން ފެއިލްވެފައިވާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދިވެހި ގައުމުގެ ވެރިކަން ކުރުމަށް ފުރުސަތު ދޭން ވާނީ ދީނާއި ގައުމު އިސްކުރާ ފަރާތްތަކަށް ކަމަށެވެ. ފަނޑިޔާރުންނަށް ވެސް އެ ޖާގަ ދޭންވީ ކަމަށާއި، ފަނޑިޔާރުންގެ ވެސް ނަޒާހަތްތެރިކަން ގެއްލުމުން ދިވެހި ދައުލަތް ކުޑަކަކޫ ޖަހަން ޖެހުނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖެ އަށް ކުރިމަތިވެފައިވަނީ ޕޯޗުކީޒުންގެ އަޅުވެތިކަމަށްވުރެ ބޮޑު ނިކަމެތި ކަމެއް ކަަމަށާއި މި ގައުމުގެ ރައްޔިތުން ގައުމަށް ޣައްދާރުވެފައިވާ ކަމަށެވެ.
"އަޅުގަނޑާއި ކޮން ޒާތީ ކަމެއްތޯ މި ބޭފުޅުން އޮންނަންވީ. އެއްވެސް ބޭފުޅެއްގެ ޒާތީ ކަމެއް އޮވެގެން ނުވާނެ. ހަމަގައިމުވެސް އެއިން ބޭފުޅަކު ރޭ ކުރައްވާފައިވާ އެނދަކު އަޅުގަނޑު ނުނިދަން. ދެން ކޮން ޒާތީ ކަމެއްތޯ އޮންނަންވީ" ރައީސް ވިދާޅުވި އެވެ.
އަދި އެމަނިކުފާނަކީ ވިޔަފާރި ކުރާ މީހެއް ނޫން ކަމަށާއި ވިޔަފާރީގެ ވާދަވެރިކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.