ސިޔާސީ ހަލަބޮލިކަން ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑީޔާތަކަށް އިންޒާރު ދެމުންގެންދާ އުސޫލުން މިފަހަރުވެސް މީޑިޔާތަކަށް އިންޒާރު ދީފިއެވެ.
1” ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ބައެއް މީޑިއާތަކުން ގައުމީ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަން" ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށް ބުދަދުވަހުގެ ރޭ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައިވަނީ ބުނެފައެވެ.
ރާއްޖޭގެ ސިފައިންނާ ހަނގުރާމަކުރުމަށް ބޭރުގެ ސިފައިންގެ އެހީ ހޯދުމަށް ކަމަށް ބުނެ އެކަމަށް ހިތްވަރު ލިބޭގޮތަށް ބައެއް ޓީވީ ސްޓޭޝަން ތަކުން ކޮންޓެންޓް ގެނެސްދެމުންދާކަން ވެސް ފާހަގަކުރެވިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި އަންގާކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.