އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރަން ދިޔަ ސިފައިންނާއި ފުލުހުން، އެމަނިކުފާނު ބިންމައްޗަށް ވައްޓާލައި ދަމާ ކޫއްތާފައި ގެންދިޔަ ވަގުތު އެ ސިފައިނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 05 ފެބްރުއަރީ 2018 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، 06 ފެބްރުއަރީ 2018 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ރަޔަޓު ގިޔަރު އަޅައިގެން ތިބި ދިވެހި ސިފައިންނާއި ފުލުހުން، ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެއްވެސް ހުއްދައަކާ ނުލައި، އެތަނުގެ ދޮރުތައް ހަލާކުކޮށްގެން ވަދެ، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހަށިކޮޅަށް އަތްލައި، ބިންމައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ގެންގޮސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ދިވެހި ދައުލަތުގެ ތިންބާރުގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްގެން ދޫނިދޫގައި ބަންދުކޮށްފައި ވަނީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެރެއިން ދައުލަތުގެ އަދުލްއިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާއި ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.
ގާނޫނީ ވަކީލުންގެ ބަޔާނުގައި ވާގޮތުން ސިފައިންނާއި ފުލުހުން، ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ގަދަކަމުން ވަދެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތަށް ހުކުމް އިއްވަވާފައިވާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ހަވާލާ ދެއްވާ އެބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކަކީ، އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫންކަމުން އެމަނިކުފާނު އެ ތުހުމަތުތަކަށް އިންކާރުކުރައްވާ ކަމަށް ވެސް ވަކީލުންގެ އެ ބާޔާނުގައި ވެއެވެ.
ދައުލަތުގެ އެއްބާރުގެ އެންމެ އިސް ފަރާތް ސިޔާސީ ސަބަބުތަކަކަށްޓަކައި ގާނޫނުއަސާސީއާ ހިލާފަށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.
>