ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރު ކޮށްފިއެވެ.
އަލީ ހަމީދުގެ ޢާއިލާއިން ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށް ދީފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދިން އަލީ ހަމީދުގެ އާއިލާގެ މީހަކު ބުނީ ފުލުހުން އައިސް އެގެ ބަލާ ފާސްކުރުމަށް ފަހު މިރޭގެ ވަގުތެއްގައި ޢަލީ ހަމީދުގެ އަނބިކަނބަލުން ފުލުސް އޮފީހަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގެންދިޔައީ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ފުލުހުން ބަލާ ފާސްކުރުމަށް ފަހު ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ގަޑިއާއި ގަހަނާ ފަދަ ތަކެތި ކަމަށެވެ. ނަމަވެސް މާ ބޮޑު އެއްޗެއް ނުގެންދާ ކަމަށާއި އެއްވެސް ވަރަކަށް ފައިސާއެއް ގެންގޮސްފައި ނުވާކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.
މީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު މިއަދު ހައްޔަރު ކޮށްފައިވާއިރު، އަލީ ހަމީދުއަށް ގެންދަވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެއްވަމުންނެވެ. އަދި އަލީ ހަމީދުގެ ހާލު ކުޑަކޮށް ރަގަޅު ކަމަށް ވެސް ވެއެވެ.