ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުލާން ކުރެއްވި ކުއްލި ހާލަތުގެ ޤަރާރަކީ ޑިމޮކްރެސީ އަށް ދިން ހަމަލާއެއްގެ ގޮތުގައި އދ.ގެ އިންސާނީ ޙައްގުތަކާއިބެހޭ ކޮމިޝަނަރު ޒެއިދު ރަޢަދު އަލް ޙުސެއިން ސިފަކުރައްވައިފި އެވެ.
ރާއްޖޭގެ މިހާރުގެ މަޝްރަޚާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އދ.ގެ އިންސާނީ ޙައްގުތަކާއިބެހޭ ކޮމިޝަނަރު ޒެއިދު ވިދާޅުވީ، ރައީސް ޔާމީންގެ ކުއްލި ޙާލަތުގެ ޤަރާރާއެކު ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އެތަކެއް ހައްގުތަކެއް ހިފަހައްޓާފައިވުމާއެކު، ހިނގަހިނގާ އޮންނަ ޑިމޮކްރެސީ އަކަށް އެންމެ މުހިންމު އެއް އަސާސް ކަމަށްވާ ބާރުތައް ވަކިވުމުގެ ހަމަތައް ގެއްލިފައިވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރާއެކު ދިވެހި ރައްޔިތުންނަށް ލިބިދޭ އެތަކެއް ހައްގުތައް ހަނިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް ބާރުތައް ހިފަހައްޓައި، ޤާނޫނު އަސާސީ އިން ލިބިދޭ އެތަކެއް ޙައްގުތަކެއް ހިފެހެއްޓުމާއިއެކު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ނުރައްކާތެރި މިންވަރަކަށް ބާރުތައް ޖަމާވެފައިވާ ކަމަށް ޒެއިދު ވިދާޅުވި އެވެ.
އަދި ދައުލަތުގެ ބައެއް ބާރުތައް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ގެއްލި، ވެރިކަން ހިންގާ ބާރުން ޤާނޫނާއި ޚިލާފަށް މުއައްސަސާތަކުގެ ބާރުތައް ނަންގަވާފައިވާ ކަމަށް ޒެއިދު ވިދާޅުވެފައިވެއެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރުންނަށާއި، ނޫސްވެރިންނަށް އަދި މަދަނީ މުޖުތަމައުއަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ފާއިތުވި އަހަރުތަކުގައި ތަފާތު ހަމަލާތައް އަމާޒުވެފައިވާކަން ފާހަގަ ކުރައްވާ، ޒެއިދު ވަނީ މިހާރު ހިނގަމުންދާ ކަންކަމަކީ ހުރިހާ ބާރުތަކެއް ބޭނުން ކުރައްވައިގެން ޑިމޮކްރެސީ އަށް ދޭ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓުމަށް ޤާނޫނު އަސާސީ ހުއްދަދޭ މިންވަރަަށް ވުރެ އިތުރު ހައްގުތަކެއް ހިފަހައްޓާފައިވާތީ އެކަމާއި ނުހަނު ކަންބޮޑުވާ ކަމަށް ޒެއިދު ވިދާޅުވި އެވެ.
ޒެއިދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރުން މިހާރަށް އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން ޤާނޫނު އަސާސީ އިން މުއައްސަސާތަކަށް ލިބިދޭ ބާރުތަކަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށާއި، ދިވެހިރާއްޖެއިން ސޮއި ކޮށްފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްގުތަކާއިބެހޭ ޤާނޫނާއި މަދަނީ އަދި ސިޔާސީ ހައްގުތަކާއިބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައިވާ ގޮތުގެ މަތީން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިހްތިރާމް ކުރުމަށް ޒެއިދު ގޮވާލާފައިވެއެވެ.