ސަރުކާރު ވައްޓާލަން އުޅުނުކަމަށް ފުލުހުން ބުނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ފްރޭމް ކޮށްފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޑިޕާޓްމަންޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރ ހަސައިން ސައީދު ދިރިއުޅުއްވާ ގެކޮޅުން އެތައް މިލިއަން ރުފިޔާއާއި ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެބޭފުޅުން ވަނީ "ފްރޭމް" ކޮށްފަ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ހަސަން ސައީދު ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރު ވައްޓާލައި ފުލުހުން ވަދެ އެގެއިން އެއްވެސް އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ނުވާ ކަމަށެވެ. އަދި އެ ގެ ބަލާފާސް ކުރުމަށް ފަހު ފުލުހުން އެގެއިން އެއްޗެއް ގެންގޮސްފައިވާ ކަމަށް ބުނެފައިނުވާއިރު، ކުއްލިއަކަށް އޭގެ އެތައް ދުވަހެއްފަހުން ހަސަން ސައީދު ނިދާ އެނދުގެ ގޮދަޑި ދަށުން އެތައް މިލިއަން ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ މީހުން ފްރޭމް ކުރުމުގެ ތާރީހެއް ފުލުހުންގެ އެބައޮތް ކަމަށެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ ނިދާ އެނދުކައިރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނުކަމަށް ބުނެ ޝަރީޢަތް ހިންގާ ޖަލައްލާފައިވާ މައްސަލަ އަލީ ހުސައިން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަލީ ހުސައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އަދި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކޮށްގެން އުޅެނީ ފްރޭމް ކޮށްގެން ކަމަށާއި އެ ބޭފުޅުން ވަގުތުން ވަގުތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ބޭއްވި މިނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީތަކުން ބުނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ހަމަ އެގޮތުގައި އަދިވެސް ދެމި އެބައޮތް ކަމަށާއި އެ އަމުރު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ގޮވާލާ ކަމަށެވެ.