އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުއާއި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.
ބުދަ ދުވަހުގެ ހަވީރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިންގ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވީ ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ގުޅިވަޑައިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނީ ހަމަތަކުގެ ބޭރުން ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު
- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު
- ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުއަށް ކުރާ ތުހުމަތުތަކަކީ:
- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތު
- ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތު
- ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުއަށް ކުރާ ތުހުމަތުތަކަކީ:
- ފަނޑިޔާރުންގެ މަސައްކަތްތައް ނުފޫޒު ފޯރުވުމަށް، ރިޝްވަތުގެ ފައިސާ ދިނުމުގެ ތުހުމަތު
- ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމުގެ ތުހުމަތު
ނަވާޒު ވިދާޅުވި ގޮތުގައި މި ހަތަރު ބޭފުޅުންނާއި ދެކޮޅަށް ގިނަ އަދަދެއްގެ ހެކިތަކާއި ހެކިބަސް ވަނީ ލިބިފައެވެ. އަދި މިހާރު ބަލާފާސްކުރަމުންދާ ތަންތަނުން އިތުރު ހެކިތަކެއް ވެސް މިހާރު ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ފަނޑިޔާރު އަލީ ހަމީދުއާއި ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި، ހަސަން ސައީދު ނިދިކުރައްވާ އެނދުގެ ގޮދަނޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ހޯދުފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ހެކިތަކެއް ލިބިފައިވާ ކަމަށް ނަވާޒު ވިދާޅުވި ނަމަވެސް، ކުރެވޭ ތުހުމަތުތައް ފިޔަވައި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ދީފައިނުވެއެވެ.