ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އާ އަދި މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރެވެ. އޭގެ ފަހުން 24 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާއިރު ފުލުހުން ބަލަމުންދާ މައްސަލައާ ގުޅިގެން ތަހްގީގުގައި ސުވާލު ކުރައްވާފައިނުވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް އެ މެންބަރުންނާ ގުޅިގެން ވެރިކަން ވައްޓާލަން އުޅުއްވާ ކަމަށް ބުނެ އެވެ. ރައީސް މައުމޫންގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ
ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫނު ހަމީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ވަނީ އެމަނިކުފާނާ ބައްދަލު ކުރައްވާފަ އެވެ.
ރައީސް މައުމޫނު ދޫނިދޫގައި ބަހައްޓާފައިވަނީ ކުރީގެ ރައީސަކަށް ވާތީ ހާއްސަތަނެއްގައެވެ.