ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކޮށްފި އެވެ.
ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކޮށްފައިވަނީ، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
ޖޭއެސްސީގެ ރައީސް ކަމުގެ މަގާމު ވެސް ކުރިން އަދާކުރެއްވި އަލީ ހަމީދު ސަސްޕެންޑް ކޮށްފައިވާއިރު، ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އެމަނިކުފާނު ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް އަލީ ހަމީދުގެ ހާލުކޮޅު ދެރަވެ، އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހުގަ އެވެ. އެ ދެ ފަނޑިޔާރުން ހައްޔަރު ކޮށްފައިވަނީ، ފްލެޓް ބައްލަވައިގަންނަވަން ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
ރައީސް އަބްދުﷲ ޔާމީން ވަނީ، ފްލެޓް ބައްލަވައިގަންނަވަން އެ ދެ ފަނޑިޔާރުންނަށް ފައިސާ ލިބިވަޑައިގެންނެވި ގޮތަކާ މެދު ސުވާލު އުފައްދަވާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށްފައި މިވަނީ، ޖަލު ހުކުމްތަކުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަންކޮށް، އަލުން ޝަރީއަތްތައް ހިންގުމަށް އަމުރު ނެރެފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި، އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގެ އިހުތިސާސް ޖޭއެސްސީއަށް ލިބިގެންނުވާ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
އެހެން ނަމަވެސް، ދެ ފަނޑިޔާރުން ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލް ކޮށްފަ އެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައިވާ ގޮތުގައި، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.