ރައީސް މައުމޫން ދޫނިދޫ އިން އެހެން ތަނަކަށް ބަދަލު ކުރާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ފުލުހުން އެކަން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަދަލު ކުރަނީ ކޮން ތަނަކަށްކަން ސާފު ނުކޮށްދޭ ކަމަށެވެ. އެހެން ނަމަވެސް ބަދަލު ކުރަނީ ދޫނިދޫ އިން ބޭރުގެ ތަނަކަށްކަން ފުލުހުން ހާމަކޮށްފައިވާ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.
Pres. @maumoonagayoom was today notified by @PoliceMv that he was to be transferred to another location. Custodial officers would not tell me the intended location (only that it was "out of Dhoonidhoo"), but they also told me the transfer had been put on hold "for the moment".
— Maumoon Hameed (@maanhameed) February 7, 2018
އެހެން ނަމަވެސް އަދި ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިނުވާ ކަމަށް ފުލުހުން ބުނި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް މައުމޫން ފުލުހުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ. ހައްޔަރު ކުރި އިރު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވެފައިވާ އިރު މިނިސްޓްރީ އޮފް ހޯމް އެފެޔާޒް އިން ވަނީ ކ. މާފުށީ ޖަލުގައި ގާއިމްކޮށްފައިވާ ޔުނިޓް 13 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެތަން ހިނގަމުންދާނީވެސް ކަރެކްޝަންސް ބެލުމުގެ ދަށުން ކަަމަށް ހޯމް މިނިސްޓްރީން ހާމަކުރެ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގައި، ތަފާތު ގިންތިތަކުގެ ގައިދީން ބަންދުކޮށް ބަލަހައްޓަން ޖެހޭނީ އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގަ އެވެ.
އެގޮތުން، ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުކުރަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. އަދި ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށި، ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.