ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ވަކީލުން އަރަބި ބަހުން ވާހަކަ ދައްކަވާތީ ފުލުހުން އެކަން ހުއްޓުވައިފި އެވެ.
ރާއްޖެއެމްވީއަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ރައީސް މައުމޫނާއެކު ބޭއްވެވި ވަކީލުންގެ ބައްދަލުވުމުގައި އަރަބިބަހުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
އަދި އޭގެ ފަހުން ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫނު ހަމީދު ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހު ވަޑައިގެންވުމުން ދިވެހި ބަހުން ނޫން ބަހަކުން ވާހަކަ ނުދެއްކޭނެކަން ފުލުހުން ވަނީ އަންގާފަ އެވެ.
ބަންދުގައި ހުންނަމީހަކާއި ވަކީލުން ވާހަކަ ދައްކަވަން ޖެހޭނީ ވަކި ބަހަކުން ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައެއްނުވެ އެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނުގައި ބަންދުގައި ހުންނަ މީހަކާ ވަކީލުން 96 ގަޑިއިރުތެރޭގައި ބައްދަލު ކުރަން ޖެހޭނީ ފުލުހުންގެ ހާޒިރުގައި ކަމަށް ވަނީ ބުނެފަ އެވެ.
ރައީސް މައުމޫނާއި ދިވެހި ބަހުން ފުލުހުން ވާހަކަ ދެއްކެވުމަށް އެންގެވިކަން ހާމަ ކުރައްވައި ޝަމީމް ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން ވަކީލުންގެ ބައްދަލުވުމުގައި ދިވެހި ބަހުން އެކަނި ވާހަކަ ނުދެއްކޭނެ ކަމަށް ކަނޑައެޅުމަކީ ފުލުހުން އިތުރު ކުރި ކަމެކެވެ.