ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވަނީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް ނޫން ކަމަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި، އަދި ވަޒީރުކަން ވެސް ކުރެއްވި އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު "ރާއްޖެއެމްވީ"އަށް ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އަނީސާ ވިދާޅުވީ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ އަމަލުފުޅު ހުރީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް ނޫން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދިން ސަބަބަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ހުންނަވައިގެން، ރައީސުލްޖުމްހޫރިއްޔާ އަމަލުފުޅު ކުރައްވަނީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް ނޫން ކަމަށް އަޅުގަނޑަށް ފެންނާތީ، އަޅުގަނޑުގެ ޒަމީރު ތަން ނުދެނީ ސަރުކާރާ ގުޅިގެން އެއްވެސް ކަމެއް ކުރަން. އެންމެވީމަ އަޅުގަނޑު އިސްތިއުފާ ދިނީ،" ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ ވިދާޅުވިއެވެ.
ގައުމީ އިނާމާ ބެހޭ ކޮމެޓީގެ މުގައްރިރު ކަމުންނާއި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުން އަނީސާ އިސްތިއުފާ ދެއްވީ އަންގާރަ ދުވަހުއެވެ.
ރައީސް މައުމޫން ހައްޔަރު ކުރުމުން، އެކަމާ ކަންބޮޑުވުންފާޅު ކުރައްވައި އަނީސާ ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރުމުގައި އަމަލުކޮށްފައި ވަނީ އެފަދަ އިއްޒަތްތެރިއަކާމެދު ކަންތައް ކުރަންވާ ގޮތަކަށް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި އެގޮތަށް ރައީސް މައުމޫން ހައްޔަރު ކުރީމަ، ކުށްވެރިކުރަން. އަޅުގަނޑު ދެކޭ ގޮތުގައި އެކަން ކުރެއްވީކީ ރަނގަޅަކަށް ނޫން. އަޅުގަނޑު ގަބޫލު ކުރަނީ ރަނގަޅަކަށް ނޫން ކަމަށް. އެ އަމަލު ކުށްވެރިކުރަން،" އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އަނީސާ ވިދާޅުވިއެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މުލަކު އަތޮޅު މެންބަރުކަން ވެސް ކުރެއްވި އަނީސާ ވިދާޅުވީ ކުށެއް ކޮށްފިނަމަ އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ގާނޫނުން ރައީސް މައުމޫންނަށް ލިބިވަޑައިގަންނަވާ ހިމާޔަތުން އެކަހެރި ކުރެއްވުމަށް ކުއްލި ނުރައްކަލުގެ ހާލަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަނީސާ ވިދާޅުވިއެވެ.
"ކޮންމެ މީހަކު ވެސް ކުށެއް ކޮށްފިއްޔާ އަދަބު ދިނުމަކީ ނެތް ކަމެއް ނޫން. އެހެން ނަމަވެސް އެފަދަ އިއްޒަތްތެރިއަކަށް ކަންތައް ކުރައްވާ ގޮތަކަށް ނޫން އެކަންތައް ކުރެއްވީކީ. އަނެއްކާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ، އެއާއެކީގައި ހައްޔަރު ކުރެއްވީމަ ގަބޫލު ކުރެވޭނީ އެކަހަލަ ހިމާޔަތަކުން އެކަހެރި ކުރުމަށް އެކަން ކުރެއްވީ ކަމަށް،" ސަރުކާރުން އިސްތިއުފާ ދެއްވިއިރު، ގައުމީ އިނާމޭ ބެހޭ ކޮމެޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދެވި އަނީސާ ވިދާޅުވިއެވެ.