ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާތީ، ސިންގަޕޫރު ރައްޔިތުން ރާއްޖެ ނައުމަށް އެ ގައުމުން އިލްތިމާސް ކޮށްފިއެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ރާއްޖޭގެ ހާލަތު ރަނގަޅު ވަންދެން، ރާއްޖެއަށް އައުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި މިވަގުތު ތިއްބެވި ސިންގަޕޫރު ރައްޔިތުންނަށް އިލްތިމާސްކޮށް، އެ ގައުމުން ބުނެފައި ވަނީ ރައްކާތެރިކަމުގެ ގޮތުން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ރާއްޖޭގެ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންވުމަށެވެ. އަދި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މީޑިއާތަކުން ގެންދޭ ވާހަކަތައް ކައިރިން ބެލަމަށް އިލްތިމާސްކުރާ ކަމަށް ވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން 15 ދުވަހަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ފަސް ގައުމަކުން ވެސް ވަނީ ރާއްޖެއަށް އައުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ . އެގޮތުން އިންޑިއާ، އާއި ޗައިނާ އާއި އެމެރިކާ އާއި ސައުދީ އާއި އިނގިރޭސީވިލާތުގެ އިތުރުން ކެނެޑާއިން ވެސް ވަނީ ރާއްޖެއަށް ފަތުރުވެރިން އައުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.