ވޭތުވެދިޔަ މާޒީން އިބުރަތް ހާސިލް ނުކޮށްފި ނަމަ ތާރީޚް އަނބުރާ އިޔާދަ ވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައި، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ހަނދާންތައް އާ ކުރައްވައި ބުދަ ދުވަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިން ބޭނުންވަނީ ނަފުރަތާއި ހަމަނުޖެހުމާއި ހަރުކަށި ގޮތްތައް ހިމެނޭ ސިޔާސީ ނިޒާމެއް ނޫން ކަމަށެވެ. ދިވެހިން ބޭނުން ވަނީ އިތުބާރާއި އެއްބާރުލުމާއި އެންމެން ބައިވެރިވާ އިހުލާސްތެރިކަމުގެ މައްޗަށް އޮންނަ ސިޔާސީ ނިޒާމެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ނިޒާމް ވާންވާނީ އެންމެން ބައިވެރިވާ އެންމެނަށް އިތުބާރު އޮންނަ ނިޒާމަކަށް ކަމަށް ވަހީދު ވިދާޅުވިއެވެ. ސުލްހަ އާއި އަމާން ތަނަކަށް ރާއްޖެ ހެދޭނީ އޭރުން ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ސިފައިނާއި ފުލުހުން ހިންގި އަމަލުތަކަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި ޑރ. ވަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް ވަހީދު މަސައްކަތްތަކެއް ކުރެއްވިކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ދާދި ފަހުން ރައީސް ވަހީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއް ވެސް ރީޓްވީޓްކުރައްވާފައެވެ.
ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ފަސް ޕަސެންޓް ވޯޓު ލިބުމާ ގުޅިގެން އެމަނިކުފާނު އުޅުއްވަނީ ސިޔާސީ ދާއިރާއާ ވަރަށް ދުރުގައެވެ. ނަމަވެސް މިވެރިކަމުގެ ކުރީކޮޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ޕީޕީއެމްގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވަޑައިގެންނެވި ނަމަވެސް ފަހުން އުޅުއްވީ ވަރަށް ދުރުގައެވެ.