ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގެ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރަރ މަޤާމުން ވަކިކޮށްފިއެވެ.
ޓްރައިބިއުނަލްގެ ރަޖިސްޓްރަރގެ މަޤާމުގައި ހުންނެވި މާޖިދާ މަޖުދީ މަޤާމުން ވަކިކުރެއްވީ އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް ސޯޝަލް މީޑިއާގައި ގޮވާލެއްވި ކަމަށް ބުނެއެވެ. އޭނާ މަޤާމުން ވަކިކުރިކަން އަންގައި، ޓްރައިބިއުނަލް އިން ބުދަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައިވަނީ މާޖިދާ މަޖުދީ "ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއިމެދު ސުވާލު އުފައްދާ، އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސްމީޑިއާގައި ގޮވާލާފައިވުމަކީ، ޓެކްސް ދައްކާ ފަރާތާއި ޓެކްސް ބަލައިގަންނަ ފަރާތާއި ޖެހޭ މައްސަލަތައް ބަލާ މުއައްސަސާގެ ރަޖިސްޓްރަރގެ މަޤާމުގައި ހުރި މުވައްޒަފުންގެ ފަރާތުން އެއްވެސް ޙާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.
ޓްރައިބިއުނަލުން ބުނީ މާޖިދާ މަޤާމުން ވަކިކުރީ އެތަނުގެ މުވައްޒަފުންގެ ޤަވާޢިދުގެ 43 ވަނަ މާއްދާގެ ދަށުން، އޭނާ ވަޒީފާ އިން ވަކިކުރުމަށް ޓްރައިބިއުނަލްގެ މެމްބަރުންގެ މަޖިލީހުގެ އިއްތިފާޤުން ކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން އޭނާ ޓްރައިބިއުނަލްގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.
ބެލެވޭ ގޮތުގައި މާޖިދާ މަޤާމުން ވަކިކުރީ މިވަގުތު ޤައުމު އޮތް ޙާލަތާ ގުޅޭ ގޮތުން ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއާ ގުޅިގެންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ޓެކްސް ދައްކާ ފަރާތްތަކާއި ދެެމެދު ޖެހޭ މައްސަލަތައް ބަލަން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު ޓްރައިބިއުނަލެކެވެ.