ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިކުނޑިއަށް ސިޔާސީ ފިކުރު ވަނުމަކީ ޖުޑިޝަރީގެ ހަލާކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ވެރިޔަކީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރެއް ނޫން ކަމަށާއި ގާނޫނު ނެގެހެއްޓުމަކީ ދައުލަތުގެ ވެރިޔެއްގެ ޒިންމާއެއް ކަމަށެވެ.
މިރެއަކީ އުފާ ކުރަންޖެހޭ ރެއެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ރެއަކީ މުޅި ދައުލަތް ކުޑަކަކޫ ޖައްސަން ޖެހުނު ރެއެއް ކަމަށެވެ.
ޔާމީން ވިދާޅުވީ، ފަސް ފަނޑިޔާރުންގެ ނިންމުމެއްގެ ސަބަބުން މުޅި ގައުމު ނުރައްކަލެއްގެ ތެރެއަށް ވައްޓާލައިފައިވާ ކަމަށާއި ސުޕްރީމް ކޯޓުން އަމަލު ކުރި ގޮތުން ކޯޓުތަކުގެ ބާރުތައް ބޭނުން ކުރާ ގޮތާއި ކޯޓުތަކުން ނެރޭ ހުކުމްތަކާއި މެދު އާންމުންގެ މެދުގައި ސުވާތަކެއް އުފެދިފައިވާ ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވާ ރައީސް ވަނީ ސުޕްރީމް ކޯޓުން ހުކުރު ވިލޭރޭގައި ނެރުނު އަމުރާއި އަންގާރަ ދުވަހު އަމުރަށް ގެންނަ ބަދަލުގެ ތެރެއިން ގަބޫލު ކުރަންވީ ކޮން އަމުރެއްތޯ ސުވާލު އުފައްދާފަ އެވެ.
މިގޮތަށް ސުވާލު އުފައްދަންޖެހެނީ ކޯޓުތަކުން ނެރޭ ހުކުމްތަކުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރި މޮޅުކަމެއް މިކަމުގައެއް ނެތް. އަޅުގަނޑު ކޮންމެ ދެ ރެއިން އެއް ރޭ ހޭދަކުރީ ސިފައިންގޭގައި" ރައީސް ޔާމިން ވިދާޅުވި އެވެ.
މިއީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް ބަޔަކު ކުރި މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރައީސްކަން ކުރާ މީހެއްގެ މައްސަލައެއް އޮތް ނަމަ ކޯޓުތަކަށް ދާންވީ ކަމަށާއި ނުވަތަ ވޯޓާ ހަމައަށް މަޑުކުރަންވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
" ކޮންކަހަލަ ކަމެއްތޯ، އެތައް ދުވަހެއް ވަންދެން ފައިސަލާކޮށްފައިވާ މައްސަލަތައް ހަމަ އެންމެ އަމުރެއްގެ ސިފައިގައި އެ ހުރިހާ ކަންތައްތަކަށް ދެކޮޅު ހެދުމަކީ. ކޮބާތޯ ސުޕްރީމް ކޯޓަށް ދިން ކަރާމާތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއީ މިއަދު ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އިހްތިރާމް އިތުރަށް ކުރާނެ ޖާގަ ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ މިހާރު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަކީ އެމަނިކުފާނު ވަރަށް އިތުބާރު ކުރި ދެ ފަނޑިޔާރުން ކަން ފާހަގަކޮށް އެދެ ފަނޑިޔާރުން އެ މަގާމުތަކަށް ގެނައުމަށް ކުރެއްވި މަސައްކަތް ކިޔައިދެއްވާފަ އެެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވާ ފަރާތްތަކުން އަބަދުވެސް އެމަނިކުފާނަށް ކެހި ދީފައިވާކަން ރައީސް ޔާމީން ފާހަަގަކުރެއްވި އެވެ.