ސިޔާސީ ފަރާތްތައް މިނިވަންކުރުމާއި ޖޭއެސްސީގެ ބާރުތައް ސަސްޕެންޑްކުރުން ސުޕްރީމް ކޯޓުން އުވާލައިފިއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ, އަމުރުގައި ހިމެނިފައިވާ ބައިތަކުގެ ތެރެއިން ފަސް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކާ ބެހޭ މައްސަލަތައް އަލުން ބެލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބައި ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ އަމުރުގެ ދެ ވަނަ ނަންބަރުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސާސެއް ނުވަތަ ބާރެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަަމަށް ކަނޑައަޅާފައިވާ ބައި ވެސް ވަނީ ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވާ އިރު އެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްފައެއް ނުވެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންނަކީ މަޖިލީހުގެ މެންބަރުންނެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން އަމަލުނުކޮށް ހޯމަ ދުވަހުގެ ރޭ ކުއްލި ހާލަތު އިއުލާނުކޮށް އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.
މިރޭ ނެރުނު އަމުރުގައި ސޮއި ކުރައްވާފައި ވަނީ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.